ކުޅިވަރު

ލައިޕްޒީގާއި އެޓަލާންޓާގެ ކުރިމަތިލުން އެއްވަރު


ޔުއޭފާ ޔޫރޮޕާ ލީގުގެ ކްއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި އާރް ބީ ލައިޕްޒިގާއި އެޓަލާންޓާ ބައްދަލުކުރި މެޗް އެއްވަރު ވެއްޖެއެވެ. ލައިޕްޒިގްގެ ދަނޑުގައި ކުޅުނު މިމެޗް އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗަގައި ލައިޕްޒިގްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، ގިނަ ހަމަލާ އުފައްދާފައިވަނީ އެތަލާންޓާއިންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ އެޓަލާންޓާއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ފެނާންޑޯ މޫރިއާލް ފްރޫޓޯއެވެ.

މި މެޗްގައި ލައިޕްޒިގްއިން ނަތީޖާ އެއްވަރު ކުރި ލަނޑަކީ މެޗްގެ 58 ވަނަ މިނެޓްގައި އެޓަލާންޓާގެ ޑޭވިޑް ޒަޕަކޯސްޓާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ލިބިގެންދިޔަ ނަމަވެސް، އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފުފައެއް ނުވެއެވެ.

ލައިޕްޒީގާއި އެޓަލާންޓާ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު އެއްވަރުވިއިރު، މި ދެ ޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގްގެ މެޗް ކުޅުމަސް ހަމަޖެހިފައިވަނީ މިއަންނަ ބުރާސްފަތި ދުވަހު އެޓަލާންޓާގެ ދަނޑުގައެވެ. އެހެންކަމުން މިމުބާރާތުގެ ސެމީފައިނަލުން ޖާގަހޯދުމުގެ ފުރުސަތު މިހާރު ބޮޑީ އެޓަލާންޓާއަށް ކަމަށް ގިނަ ބަޔަކު ހާމަކުރެއެވެ.