ކުޅިވަރު

ވެސްޓް ހޭމާއި ލިޔޯނުގެ ކުރިމަތިލުން އެއްވަރު


ޔުއޭފާ ޔޫރޮޕާ ލީގުގެ ކްއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި ވެސްޓް ހޭމް ޔުނައިޓެޑާއި ލިޔޯން ބައްދަލުކުރި މެޗް އެއްވަރުވެއްޖެއެވެ. ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މި މެޗް ނިމިފައިވަނީ 1-1 އިން ދެޓީމް އެއްވަރު ވެގެންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިޔޯންއިންނެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެންނުދިޔަ ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ރަތް ކާޑެއް ވަނީ ފެނިގެން ގޮސްފައެވެ. މި ރަތް ކާޑު ދައްކާފައިވަނީ ވެސްޓް ހޭމްގެ އާރޮން ކްރެސްވެލްއަށެވެ. އޭނާއަށް ރަތް ކާޑު ދައްކާފައިވަނީ ލިޔޯންގެ ކެޕްޓަން މޫސާ ޑެންބެލޭ، ވެސްޓް ހޭމްގެ ގޯލަށް އުފެއްދި ހަމަލާއެއްގައި އެންމެ ފަހު ކުޅުންތެރިޔާއަށްވެ ހުރެ ޑެންބެލޭއަށް ފައުލް ކުރުމުންނެވެ.

އެއް ކުޅުންތެރިއެއް މަދުން ކުޅުމާއެކުވެސް މި މެޗްގެ ލީޑު މެޗްގެ 52 ވަނަ މިނެޓްގައި ނަގާފައިވަނީ ވެސްޓް ހޭމްއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖަރޯޑް ބޮވެންއެވެ. މިއީ އޭނާ ވެސްޓް ހޭމްއަށް މި ސީޒަންގައި ކާމިޔާބުކޮށްދިން 14 ވަނަ ލަނޑެވެ. މި މެޗްގައި ލިޔޯންއިން ނަތީޖާ އެއްވަރުކުރި ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ޖަހާދިނީ ޓަންގައި އެންޑޮމްބެލޭއެވެ. މިމެޗްގައި އިތުރު ލަނޑެއް ޖެހޭތޯ ލިޔޯންއިން މަސައްކަތް ކުރި ނަމަވެސް، އެޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

ވެސްޓް ހޭމާއި ލިޔޯން ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު އެއްވަރުވިއިރު، މި ދެ ޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގްގެ މެޗް މިއަންނަ ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ލިޔޯންގެ ދަނޑުގައެވެ. އެހެންކަމުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު މިހާރު ބޮޑީ ލިޔޯންއަށެވެ. މިކުރިމަތިލުމުން މޮޅުވާ ޓީމެއް ސެމީފައިނަލްގައި ވާދަކުރާނީ ބާސެލޯނާ އާއި އެއިންޓްރެކްޓް ފްރޭންކްފަރޓްގެ ކުރިމަތިލުމުން ކުރިހޯދާ ޓީމަކާއެވެ.