ވިޔަފާރި

ކޮޕީރައިޓް ޤާނޫނުގެ ދަށުން އުފެއްދުންތައް ރަޖިސްޓްރީ ކުރަނީ


ކޮޕީ ރައިޓްސްއާއި އެއާއި ގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުގެ ދަށުން މިދިޔަ އަހަރު ޖުމްލަ 11 ފަރާތަކުން އެ މީހުންގެ އުފެއްދުންތައް ރެޖިސްޓްރީކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ކޮޕީ ރައިޓްސްއާއި އެއާއި ގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުގެ ދަށުން ކޮޕީރައިޓުގެ ޙައްޤުތައް ލިބިގަތުމަށްޓަކައި އެ ޙައްޤުތައް ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކުރުމަކީ ލާޒިމުކަމެއްނޫނެވެ. އެހެެންނަމަވެސް، މިފަދަ ޙައްޤުތައް ރަޖިސްޓަރީކުރުމަށް ބޭނުންވާ ފަރާތަކަށް، އެ ޙައްޤުތައް ސަރުކާރުން ކަނޑައަޅާ އިދާރާއެއްގައި ރަޖިސްޓަރީކުރެވިދާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކޮޕީރައިޓު  ރަޖިސްޓަރީކުރުމުގެ ފުރުޞަތު އޮތްނަމަވެސް، ރަޖިސްޓަރީ ނުކުރާ ކޮޕީރައިޓުގެ ޙައްޤުތަކަށް އެކަމުން އެއްވެސް އުނިކަމެއް ނާންނާނެކަމަށާއި ރަޖިސްޓަރީކުރުމުގެ މައިގަނޑު މަޤްޞަދަކީ ޝަރީޢަތުގައި މުޞައްނިފަށް އެ އުފެއްދުމަކީ އޭނާގެ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދިނުމަށް މަގުފަހިކޮށްދިނުންކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފެއަރ ޓްރޭޑް ސެކްޝަންގެ ޑިރެކްޓަރ އަޙްމަދު މިޤްދާދް ވިދާޅުވީ މި ޤާނޫނުގައިވާގޮތުން ކޮޕީރައިޓް ރެޖިސްޓްރީކުރުމަށް ފީއެއްވެސް ނަގާނެކަމަށެވެ. މިގޮތުން ކޮޕީރައިޓްް ކޮންމެ އުފެއްދުމަކަށް 1000 ރުފިޔާ ނަގާކަމަށް އެނާ ވިދާޅުވިއެވެ. ކޮޕީރައިޓާއި ގުޅޭ ދާއިރާއަކީ ރާއްޖެއަށް އައު ދާއިރާއަކަށްވާތީ މިކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް މިޤްދާދް ވިދާޅުވިއެވެ. މި ޤާނޫނުގެ ދަށުން އަމިއްލަ އުފެއްދުމެއް އުފައްދާ ފާރާތެއްގެ އުފެދުން އެނާ މަރުވުމަށްފަހުވެސް 50 އަހަރު ވަންދެން ޤާނޫނީގޮތުން ޙިމާޔަތްކުރެވޭނެއެވެ.