ކުޅިވަރު

އައިބީއެސް އާއި ގަލޮޅު ކަންމައްޗަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގައި އައިބީއެސް އަދި ގަލޮޅު ކަންމަތިން ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު ފުރަތަމަ މެޗު މީޓިއޯސްއާއި ބައްދަލުކޮށް އައިބީއެސް ކާމިޔާބުކުރީ 7 ވިކެޓުންއެވެ. މީޓިއޯސް ކުޅެންއަރާ 8 އޮވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން 109 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 35 ލަނޑު ހެދި އަލީ ސުނާން އަދި 21 ލަނޑު ހެދި އިބްރާހިމް އަލީއެވެ. ޖަވާބުގައި ކުޅެން އަރާ އައިބީއެސްއަށް 7 އޯވަރުން އެންމެ ކުޅުންތެރިއެއް ނުބައިވެގެން 112 ލަނޑުހަދާ މެޗު ކާމިޔާބުކުރިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ހެދި ހަސަން އިބްރާހިމް އަދި 34 ލަނޑު ހެދި ފައިސަލްއެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ދެވަނަ މެޗު ކިންޒާ ކެފޭއާއި ބައްދަލުކޮށް ގަލޮޅު ކަންމަތިން ކާމިޔާބުކުރީ 4 ވިކެޓުންއެވެ. ކިންޒާ ކެފޭ އިން 8 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން 113 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 23 ލަނޑު ހެދި ސަލާމް މުހަންމަދެވެ. ޖަވާބުގައި ގަލޮޅު ކަންމަތި ކުޅެންއަރާ 7 އޯވަރުގައި 117 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 42 ލަނޑު ހެދި މުހަންމަދު އަފްލާހެވެ.

މި މުބާރާތުގެ މެޗުތައް ހުކުރު ދުވަހުވެސް ކުޅޭނެއެވެ. ހުކުރު ދުވަހު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލަވާލިޔާ އާއި އެމްއޭސީއެލްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ސަންކުއިކް ލިލީ އާއި ސުގާކޯންއެވެ.