ކުޅިވަރު

އީގަލްސް އަތުން ހުޅުމާލެ ވެޓެރަންސްއަށް ފަސޭހަ މޮޅެއް


މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ހުޅުމާލެ ވެޓެރަންސް އިން ފަސޭހަކަމާއެކު ކުލަބް އީގަލްސް ބަލިކޮށްފިއެވެ.

އެފްއޭއެމް އެއް ނަމްބަރު ޓާފުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗު ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ހަތް ޓީމު ވާދަކުރާ މި ފަހަރުގެ މުބާރާތުގައި ހުޅުމާލެ ވެޓެރަންސް އިން މި ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ. އެ ޓީމުން ފުރަތަމަ މެޗުގައި 2-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކުރިއެވެ.

ކުޅުނު ދެ މެޗުން ހަ ޕޮއިންޓާ އެކު ހުޅުމާލެ ވެޓެރަންސް އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. މޯލްޑިވްސް ސޮކަ މޭޓްސް އާއި ދަ ގްރާންޑޭ އިން ތިން ޕޮއިންޓް ހޯދާފައިވާއިރު، ސިފައިން، ގްރީން ސްޓްރީޓްސް އަދި ޕޮލިހަށް ޕޮއިންޓެއް ނުލިބެއެވެ.

މި މެޗު އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލް ނަގައިގެން ކުޅުނީ ހުޅުމާލެ ވެޓެރަންސް އިންނެވެ. މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ހުޅުމާލެ ވެޓެރަންސް އިން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައިފައެވެ. މި ދެ ލަނޑު ވެސް ޖަހައިދިނީ ކުރިން ގައުމީ ޓީމަށް ކުުޅުނު އިސްމާއިލް މުހައްމަދު (އިއްސޭ)އެވެ. ހުޅުމާލެ ވެޓެރަންސް އިން ފުރަތަމަ ކުޅުނު މެޗުގައި އިއްސޭ ނުކުޅެއެވެ.

ދެ ވަނަ ހާފުގައި އީގަލްސް އިން ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ކުޅުނެވެ. އެކަމަކު ލަނޑެއް ޖެހޭގޮތެއްނުވިއެވެ. އަދި ހުޅުމާލެ ވެޓެރަންސް ގޯލުގައި ހުރި މުހައްމަދު ޝިނާން (ނާނި) ރަނގަޅަށް ޓެސްޓްކޮށްލެވޭނެ ހަމަލާތަކެއް ވެސް ފޮނުވައެއްނުލެވުނެވެ.

ހުޅުމާލެ ވެޓެރަންސް އިން ދެ ވަނަ ހާފްގައި ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަހުމަދު ޝާހިދުއެވެ. އަނެއް ލަނޑު ޖެހީ މުހައްމަދު ޒިޔާދުއެވެ.

މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ. އެ ދުަވަހުގެ މެޗުގައި ދަ ގްރާންޑޭ ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ. މެޗު ފަށާނީ 16:30 ގައެވެ.