ކްލަބް އީގަލްސްއިން މާޒިޔާ ބަލިކޮށް އެ ޓީމުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދަމަހައްޓަމުން ގެންދިޔަ މޮޅުވުމުގެ ރިކޯޑު ނިމުމަކަށް ގެނެސްފިއެވެ.
މި މެޗަށް މާޒިޔާއިން ނުކުމެފައިވަނީ އެ ޓީމުގެ ސްޕެއިން މިޑްފިލްޑަރު ޓަނާ ޑޮމިނިގޭޒް ބެންޗުގައި ބައިންދައިގެންނެވެ. އަނެއްކޮޅުން އީގަލްސްގެ ތަރި އަޙްމަދު ރިޒްވާން (ރިޒޭ) އަނިޔާގެ ސަބަބުން މި މެޗުގައި ކުޅެފައިނުވާއިރު، އީގަލްސްގެ ޒުވާން ފޯވާޑް ޒައިން ޒަފަރު ވަނީ އަނިޔާއިން ސަލާމަތްވެ މި މެޗުގައި ކުޅެފައެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 19 ވަނަ މިނެޓުގައި ހަސަން ރާއިފް އަޙްމަދު (ހަންނަ) ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދައިފައެވެ. އޭރިއާ ބޭރުން ހަންނަ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އޭގެ ފަހުން މެޗުގެ 26 ވަނަ މިނެޓުގައި މާޒިޔާގެ ސެއިންޓް ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ހަންނަ ވަނީ ލަނޑު ޖަހާ އީގަލްސްއަށް ލީޑު ނަގައިދީފައެވެ. މިއީ ޒައިން ޒަފަރުގެ އެހީތެރިކަމާއެކު ހަންނަ ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑަށްފަހު މާޒިޔާއިން ވަނީ ކުރިއަށްޖެހި އީގަލްސްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން މެޗުގެ 35 ވަނަ މިނެޓުގައި މާޒިޔާގެ އިތުބާރު ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު)އަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ހަމްޕު ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން މާޒިޔާއިން ފުލުފުލުގައި އީގަލްސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މިހާފުގެ ކުރީކޮޅު މާޒިޔާގެ މިޑްފިލްޑަރު މުޙައްމަދު އިރުފާން (އިރޭ) ގެ އިތުރުން ހަސަން ނާއިޒް (ދާދު) އަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ.
މެޗުގެ 63 ވަނަ މިނެޓުގައި މާޒިޔާގެ ސްޕެއިން މިޑްފިލްޑަރު ޓަނާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މި މެޗުގެ ފަހު ހާފު މާޒިޔާއިން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި އީގަލްސްގެ ޑިފެންޑަރުން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.
މި މެޗުން ބަލިވިނަމަވެސް މާޒިޔާއިން އޮތީ ލީގުގެ އެއްވަނައިގައި އަށް މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. އަދި މި މެޗުން މޮޅުވި އީގަލްސްއިން ވަނީ މާޒިޔާއާ އޮތް ފަރަގު ދެ ޕޮއިންޓަށް ކައިރިކޮށްފައެވެ. އީގަލްސް އިން ލީގު ތާވަލުގެ ދެވަނައިގައި އޮތީ އަށް މެޗުން ލިބުނު 19 ޕޮއިންޓާއެކުގައެވެ.