ޚަބަރު

ވެރިކަމުގެ ބާރުތައް ޔަމަނުގެ ރައީސް ދޫކޮށްލައިފި


ވެރިކަމުގެ ބާރުތައް ޔަމަނުގެ ރައީސް ޢަބްދުރައްބު މަންޞޫރު ހާދީ ދޫކޮށްލައްވައިފިއެވެ.

އދން މެދުވެރިއެއްގެ ދަޢުރުޢަދާކޮށްގެން ޔަމަނުގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަޝްވަރާތަކުގައި އިދިކޮޅު ޚޫޘީ ޖަމާޢަތާ ދެކޮޅަށް ސަޢުދީ ޢަރަބިއްޔާއިން އިސްވެ އުފައްދާފައިވާ އިއްތިޙާދުގެ ބާރު ވަރުގަދަކުރުމަށް އެ ޤައުމުންވަނީ ޔަމަނުގެ ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް އަންގައިފައެވެ. އެ ގޮތުން ސަޢުދީ ޢަރަބިއްޔާއިން ތާޢީދުކުރާ ޔަމަނުގެ ރައީސް މަންޞޫރު ހާދީވަނީ އޭނާގެ ބާރުތައް ރިޔާސީ މަޖިލީހަކަށް ބަދަލުކުރައްވައި އޭނާގެ ނައިބު މަޤާމުން ވަކިކުރައްވައިފައެވެ. އެއާއެކު ސަޢުދީ ޢަރަބިއްޔާއިންވަނީ ޔަމަނުގެ ވެރިކަން ހަރުދަނާކުރުމަށް އެ ޤައުމުގެ ސަރުކާރަށް ތިން ބިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައެވެ.

ބެލެވޭ ގޮތުގައި މަންޞޫރު ހާދީގެ ބާރުތައް ރިޔާސީ މަޖިލީހަކަށް ބަދަލުކުރެއްވުމުން ޚޫޘީންނާ ދެކޮޅު ހުރިހާ ޖަމާޢަތްތައް އެއްގަލަކަށް އަރާނެއެވެ. އަދި އީރާނުގެ އެހީތެރިކަން ލިބެމުންދާ ޚޫޘީންނާއެކު ކުރަމުންދާ މަޝްވަރާތަކުގައި އެ ޖަމާޢަތްތަކުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވާނެއެވެ. ރަމަޟާން މަހާ ދިމާކޮށް ޔަމަނުގައި ދެ މަސްދުވަހަށް ޙަމަލާބަދަލުކުރުން ހުއްޓާލައި ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް މަޝްވަރާކުރަންވަނީ ފަށައިފައެވެ.

2014ވަނަ އަހަރުގެ ތެރޭގައި ޔަމަނުގައި ދާޚިލީ ހަނގުރާމައެއް ފެށުނީ ޚޫޘީން މަންޞޫރު ހާދީގެ ސަރުކާރު ވައްޓާލުމުންނެވެ. އެއާއެކު 2015ވަނަ އަހަރުގެ ތެރޭގައި ޢަރަބި އަސްކަރީ އިއްތިޙާދެއް އެކުލަވާލައި ސަޢުދީ ޢަރަބިއްޔާއިންވަނީ ޔަމަނަށް ޙަމަލާދޭން ފަށައިފައެވެ. ނަމަވެސް އޭގެ ފަހުން މުޙިއްމު ޢަރަބި ޤައުމުތަކެއްވަނީ އެ އަސްކަރީ އިއްތިޙާދުން ވަކިވެފައެވެ.