ޚަބަރު

ކޯޓުން މައްސަލަ ނިންމީ އިމުރާން ޚާނާ ދެކޮޅަށް، ވެރިކަން ނިމުމަކާ ގާތަށް


ވެރިކަން ދިފާޢުކުރެއްވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމުރާން ޚާން އަޅުއްވާފައިވަނީ ޣައިރުޤާނޫނީ ފިޔަވަޅުތަކެއްކަމަށް އެ ޤައުމުގެ ސުޕުރީމު ކޯޓުން ކަނޑައަޅައިފިއެވެ.

2018ވަނަ އަހަރުގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އިމުރާން ޚާނާ ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއްނަގަން ހުށަހެޅި މައްސަލަ ޤާނޫނުހަދާ މަޖިލީހުން ތާވަލުކޮށްފައެއް ނުވެއެވެ. އޭރު ޤާނޫނުހަދާ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ އިމުރާން ޚާނުގެ ޕާޓީއަށް ނިޞްބަތްވާ މެންބަރެކެވެ. އިތުބާރުނެތްކަމުގެ ވޯޓުގެ ކުރިން ޕާކިސްތާނުގެ ވެރިކަންކުރާ އިއްތިޙާދަށް ނިޞްބަތްވާ ބައެއް މެންބަރުން އިދިކޮޅާ ގުޅުމުން އިމުރާން ޚާން މަޤާމުން ދުރުކުރެވޭނެކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ. ނަމަވެސް އިތުބާރުނެތްކަމުގެ ވޯޓުން ރެކިވަޑައިގަންނަވައި އިމުރާން ޚާންވަނީ ޤާނޫނުހަދާ މަޖިލިސް އުވާލެއްވުމަށް އެ ޤައުމުގެ ރައީސް އާރިފް އަލްވީއަށް ދަންނަވައިފައެވެ. އޭނާއަކީވެސް އިމުރާން ޚާނުގެ ޕާޓީއަށް ނިޞްބަތްވެވަޑައިގަންނަވާ މެންބަރެކެވެ. އޭގެ އިތުރުން އިމުރާން ޚާންވަނީ ކުރިޔަށް އޮތް 90 ދުވަހުގެ ތެރޭގައި އެ ޤައުމުގައި ޢާއްމު އިންތިޚާބެއް ބާއްވާނެކަން އިޢުލާންކުރައްވައިފައެވެ.

ޕާކިސްތާނުގެ ސުޕުރީމު ކޯޓުން ބުނެފައިވަނީ އިތުބާރުނެތްކަމުގެ މައްސަލައަށް ވޯޓަށް ނާހައި ޤާނޫނުހަދާ މަޖިލިސް އުވާލާފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށެވެ. އެހެންކަމުން އޭޕުރިލް މަހުގެ 9ވަނަ ދުވަހު އިމުރާން ޚާނާ ދެކޮޅަށް ހުށަހެޅި އިތުބާރުނެތްކަމުގެ މައްސަލަ އަލުން ތާވަލުކުރަން އެ ކޯޓުންވަނީ ޙުކުމުކޮށްފައެވެ. އެއާއެކު ކުރިޔަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އިމުރާން ޚާނުގެ ވެރިކަން ނިމުމަކަށް އަންނާނެކަމަށް ބެލެވެއެވެ.

ޢުމުރުފުޅުން 69 އަހަރުގެ އިމުރާން ޚާނުގެ އިތުބާރުނެތްކަމަށް ފާސްވެއްޖެނަމަ އިދިކޮޅު ފަރާތްތަކުން ބޮޑުވަޒީރަކު ޢައްޔަންކުރާނެއެވެ. އަދި 2023ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ޢާއްމު އިންތިޚާބެއް ބާއްވަންދެން ޕާކިސްތާނުގައި ވެރިކަންކުރާނީ އަލަށް ޢައްޔަންކުރާ ބޮޑުވަޒީރެވެ. ޕާކިސްތާނުގެ އިންތިޚާބާބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގައި އެންމެ އަވަހަށްވެސް އިންތިޚާބެއް ބޭއްވޭނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

1947ވަނަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުން މިނިވަންކަން ލިބުނުފަހުން 220 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގައި ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އެއްވެސް ބޭފުޅަކަށް ފަސް އަހަރުގެ ދަޢުރެއް ފުރިހަމަކުރެއްވިފައެއް ނުވެއެވެ.