ޚަބަރު

އިންޑިޔާއިން ލަންކާއަށް ހަނޑޫ ފޯރުކޮށްދޭން ފަށައިފި


އިޤްތިޞާދީ ނާޒުކު ޙާލަތެއް ކުރިމަތިވެފައިވާ ސުރީ ލަންކާއަށް އިންޑިޔާއިން ހަނޑޫ ފޯރުކޮށްދޭން ފަށައިފިއެވެ.

ސުރީ ލަންކާގައި ހުންނަ އިންޑިޔާގެ ހައި ކޮމިޝަނުން ބުނެފައިވަނީ 40،000 މެޓުރިކް ޓަނުގެ ހަނޑޫ ސުރީ ލަންކާއަށް ފޯރުކޮށްދީފައިވާނެކަމަށެވެ. ދުނިޔޭގައި އެންމެ ގިނައިން ހަނޑޫ ބޭރުކުރާ ޤައުމުކަމަށްވާ އިންޑިޔާއިންވަނީ ކުއްލި ޙާލަތުގައި ބޭނުންކުރުމަށް 300،000 މެޓުރިކް ޓަނުގެ ހަނޑޫ ސުރީ ލަންކާއަށް ފޯރުކޮށްދޭނެކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން އިންޑިޔާއިންވަނީ 270,000 ޓަނުގެ ތެޔޮ ސުރީ ލަންކާއަށް ފޯރުކޮށްދީފައެވެ.

ސުރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އެ ޤައުމުގެ ކުރީގެ ޢަދުލުއިންޞާފާބެހޭ ވަޒީރުކަމާއި މާލީ ވަޒީރުކަން ކުރައްވާފައިވާ ޢަލީ ޞަބްރީ ވިދާޅުވީ ޖުލައި މަހުގެ ތެރޭގައި އެ ޤައުމުން ނަގާފައިވާ ލޯނުތަކަށް އެއްް ބިލިޔަން ޑޮލަރު ދައްކަން ޖެހޭކަމަށާއި އެ ޢަދަދު ބަހާލައިގެން ދެއްކޭނެ ގޮތެއް ހޯދަން ޖެހޭކަމަށެވެ. އަދި އެ ޤައުމަށް އޮތް ހަމައެކަނި ގޮތަކީ ބައިނަލްއަޤްވާމީ މާލީ އިދާރާގެ އެހީތެރިކަން ހޯދުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސުރީ ލަންކާގެ މަރުކަޒީ ބޭންކުން ބުނެފައިވާ ގޮތުގައި ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި އެ ޤައުމުގެ ރިސާވުވަނީ %16 ދަށަށް ގޮސްފައެވެ. އެއާއެކު ރިސާވުގައި ހުރީ 1.93 ބިލިޔަން އެމެރިކާ ޑޮލަރުކަމަށް އެ ޤައުމުގެ މަރުކަޒީ ބޭންކުންވަނީ ބުނެފައެވެ. ސުރީ ލަންކާގެ ޖުމުލަ ދަރަނި ހަތް ބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާކަމަށް ބެލެވެއެވެ.

ސުރީ ލަންކާގެ އިޤްތިޞާދު ހީނަރުވެ ދިރިއުޅުމުގެ ޙާލަތު ގޯސްވުމުގެ ސަބަބުން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ޢާއްމުންވަނީ މުޒާހަރާކުރަން ފަށައިފައެވެ. އެއާއެކު އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މަރުކަޒީ ބޭންކުގެ ގަވަރުނަރުވަނީ އިސްތިޢުފާދީފައެވެ. އަދި ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތުވަނީ ސުރީ ލަންކާގެ ސަރުކާރަށް ގެއްލިފައެވެ. ނަމަވެސް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަވަނީ އިސްތިޢުފާނުދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކުރިމަތިވެފައިވާ ޙާލަތު ޙައްލުކުރުމަށް ސަރުކާރާ ގުޅުމަށް ގޮތަބަޔާ ގޮވާލެއްވި ނަމަވެސް އިދިކޮޅު ޕާޓީތަކުންވަނީ އެ ކަމަށް އިންކާރުކޮށްފައެވެ.

22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ގޯސްވެފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ގެއްލުމުގެ ސަބަބުންނާއި ބޭރުގެ ޤައުމުތަކަށާއި މާލީ ވުޒާރާތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާދައްކަން ޖެހުމުންނެވެ. އެއާއެކު އެ ޤައުމުން ތެޔޮ ގަތުމަށް ބޭނުންކުރާނެ ބޭރު ފައިސާ ހުސްވެ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ގިނަ ވަޤުތުތަކަކަށް ކަރަންޓު ކަނޑަންވަނީ މަޖުބުރުވެފައެވެ. ސުރީ ލަންކާއަށް އިޤްތިޞާދީ ނާޒުކު ޙާލަތުން އަރައިގަތުމަށް އެ ޤައުމުން އެންމެ ބޮޑު އެހީތެރިކަމަކަށް އެދިފައިވަނީ އިންޑިޔާއާއި ޗައިނާއިންނެވެ. އެ ގޮތުން އެތައް ބިލިޔަން ޑޮލަރެއްގެ ލޯން ދިނުމަށް ސުރީ ލަންކާއިންވަނީ އިންޑިޔާއާއި ޗައިނާގައި އެދިފައެވެ. އެ ގޮތުން އިންޑިޔާއިންވަނީ ފަހުން ފައިސާދައްކާގޮތަށް އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ކާބޯތަކެއްޗާއި ހަނޑުލާއި ތެލާއި ބޭސް ސުރީ ލަންކާއަށް ފޮނުވުމަށް އެއްބަސްވެފައެވެ.