ޚަބަރު

އައު އާރޓިފިޝަލް ބީޗުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް


މީގެ ހަތަރުވަރަކަށް މަސް ކުރިން ތަރައްޤީކުރަން ފެށި މާލޭގެ ހުޅަނގު ފަރާތު އާޓިފިޝަލް ބީޗަށް މިއަދު ނަޒަރު ހިންގާލުމުން އެތަނަށް އައިސްފައިވާ ބަދަލު ފެނިގެންދެއެވެ.މި އާޓިފިޝަލް ބީޗާއިއެކު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މޫދަށްއެރި ހިންއުފާކޮށްލެވޭނެ އިތުރު މަންޒިލެއް ލިބިގެންދާނެއެވެ. ސަރުކާރުން މި ސަރަހައްދު ތައްރައްޤީ ކުރައްވަމުން ގެންދަވަނީ އެތަނުގެ ވަށައިގެން ރުއްގަސްތައް އިންދައި މުޅި ސަރަހައްދުން ރަށެއްގެ މަލަމަތި ފެންނާނެހެންނެވެ.މި މަހުގެ ފަހުކޮޅު މި އާޓީފިޝަލް ބީޗް ހުޅުވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންގެންދަވާއިރު، މި މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ. މޫދަށް އެރޭ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ ސަރަހައްދުގެ ލޮނުގަނޑު ޓެސްޓު ކުރެއްވުމުގެ މަސައްކަތްވެސް މިހާރުވަނީ ނިންމަވާފައެވެ. އަދި މޫދަށް އެރޭ ސަރަޙައްދުގެ މެދުގައި ތައްޔާރުކުރާ ޕެވިލިއަންގެ މަސައްކަތް މިހާރު ފައްޓަވާފައިވާއިރު، ބީޗް ހުޅުވާތާ މާގިނަ ދުވަހެއްނުވެ އެ ޕެވިލިއަންގެ މަސައްކަތް އެއްކޮށް ނިމި ބޭނުން ކުރެވޭނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.މި ޕެވިލިއަންގައި، ފެންވަރާ ތަނަކާއި، ފާޚާނާއަކާއި، ކުޑަކުދިން ބަލަހައްޓަން ޚާއްސަ ތަނެއްގެ އިތުރުން ކެފޭއަކާއި ރެސްޓޯރެންޓެއްވެސް ހެއްދެވުމަށްވަނީ ނިންމަވާފައެވެ. އަދި މި ޕެވިލިއަންގައި ހުންނަ ރެސްޓޯރެންޓުން މަގުގެ އަނެއްފަޅިއަށް ދެވޭގޮތަށް އޯވަރ ބްރިޖެއްވެސް ހުންނާނެއެވެ. އަދި ބީޗްގެ ދެކޮޅުގައި ހައްދަވާ ފިޝިންގ ޕްލެޓްފޯމްގެ ތެރެއިން އެއް ޕްލެޓްފޯމްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.މީގެ އިތުރުން ބާބަކިއު ހަދާނެ ވަކި ސަރަޚައްދެއްވެސް އެތަނުގައި ހުންނާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢު ނިމޭއިރު މާލޭގެ ހުޅަނގު ފަރާތުގެ މަލަމަތި ސިފަވެގެންދާނީ ދޮންވެލި ގޮނޑުދޮށެއްގެ ރީތި ރަށެއްގެ ސިފައިގައެވެ.