ކުޅިވަރު

ވިޔަރެއާލުން ބަޔާން ބަލިކޮށްފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ވިޔަރެއާލް އާއި ބަޔާން މިޔުނިކް ބައްދަލުކުރިމެޗު ވިޔަރެއާލް ކާމިޔާބުކޮށް ގިނަ ބަޔަކު ހައިރާންކޮށްލައިފިއެވެ.

ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދަފައިވަނީ ބަޔާންއިންނެވެ. ނަމަވެސް މެޗު ކޮންޓްރޯލް ކުރުމާއެކުވެސް މިމެޗްގައި އެޓީމަށް ވިޔަރެއާލްގެ ޑިފެންސް ފުއަޅުވާލެވޭގޮތެއްނުވިއެވެ. އަދި މިމެޗުގައި ވިޔަރެއާލް ފެނިގެންދިޔައީ ވަރަށް ރަނގަޅަށް ޑިފެންޑް ކޮށް ލިބޭ ފުރުސަތުތަކުގައި ހަމަލާއަށް އިސްކަންދީގެން ކުޅުނު ތަނެވެ. އަދި މިމެޗްގައި ވިޔަރެއާލްގ ފެށުން ދިޔައީ ވަރަށް ރަނގަޅަށެވެ. އެގޮތުން މެޗުގެ 8 ވަނަ މިނެޓުގައި އެޓީމުގެ އާނައުޓް ޑެންޖޫމަވަނީ މިމެޗްގައި ވިޔަރެއާލްއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން މިމެޗްގައި އެޓީމްގެ ފްރެންސިސް ކޮކުއަލިން ޖެހި ލަނޑެއްވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ. އަދި ގެރާޑް މޮރޭނޯ ފޮނުވާލި ހަމަލާއެއް ވަނީ ބަޔޭންގެ ގޯލްގެ ދަނޑިއަށްވެސް އަމާޒުވެފައެވެ. މިމެޗްގައި ބަޔާންއަށް ވިޔަރެއާލްގެ ޑިފެންސް ވަރުގަދަ ކަމުން އެޓީމްގެ އެންމެ ރަނގަޅު ކުޅުން ދެއްކޭގޮތެއް ނުވިއެވެ. އަދި ވިޔަރެއާލްގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވޭގޮތްވީވެސް ދެވަނަ ހާފްގައެވެ.

މިކާމިޔާބީއާއެކު ވިޔަރެއާލްއަށް އެއްލަނޑުގެ ލީޑެއް ލިބިފައިވީ ނަމަވެސް ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ ބަޔާންގެ ދަނޑުގައިކަމުން ސެމީފައިނަލުން ޖަގަހޮދުމުގެ ފުރުސަތު ބަޔޭންއަށްވެސް ވަރަށް ބޮޑަށް އަދި އެބައޮތެވެ.