ކުޅިވަރު

ބެންޒެމާގެ ހެޓްރިކާއެކު ރެއާލުން ޗެލްސީ ބަލިކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި އެންމެފަހުގެ ޗެމްޕިއަން ޗެލްސީ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީންނެވެ. ނަމަވެސް ޗެލްސީއަށް މިހަމަލާތައް ލަނޑު ތަކަކަށް ބަދަލު ކުރެވޭގޮތެއްނުވިއެވެ. މިމެޗުގައި ރެއާލްގެ ތަރިއަކަށް ވެގެންދިޔައީ މިމެޗުގައި އެޓީމަށް ތިން ލަނޑު ޖަހާދީ ހެޓްރިކް ހެދި ކަރީމް ބެންޒީމާއެވެ. މިމެޗުގެ ފުރަތަމަ ލަނޑު ބެންޒީމާ ރެއާލްއަށް ކާމިޔަބުކޮށްދިނީ މެޗުގެ 21 ވަނަ މިނެޓްގައެވެ. އަދި މިލަނޑު ކާމިޔާބުކުރިތާ ތިން މިނެޓްފަހުން ބެންޒީމާވަނީ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގައި ޗެލްސީއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 40 ވަނަ މިނެޓްގައި ޖަހާދިނީ ކައި ހަވާޓްޒްއެވެ. މިލަނޑާއެކު ޗެލްސީއިން އިތުރު ލަނޑެއް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް ދެންވެސް ފެނިގެންދިޔައީ ރެއާލްގެ ލަނޑެކެވެ. މިލަނޑު ބެންޒީމާ ކާމިޔާބު ކޮށްދިނީ 46 ވަނަ މިނެޓްގައެވެ. ބެންޒީމާވަނީ އެންމެފަހުން މިމުބަރާތުގައި ޕެރިސް ސެއިންޓް ޖަރމެއިން އާއި ބައްދަލުކުރިމެޗްގައިވެސް ހެޓްރިކް ހަދާފައެވެ.

މިކާމިޔާބީއާއެކު މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގަށް ނިކުންނައިރު ރެއާލްއަށް މިވަނީ ވަރަށް ބޮޑު އެޑްވާންޓޭޖެއް ލިބިގެން ގޮސްފައެވެ. އަދި ދެވަނ ލެގު މިއަންނަ ހަފްތާގައި ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވުމުން ސެމީފައިނަލްގެ ޖާގައެއް ގާތްގަޑަކަށް ރެއާލްއަށް ކަށަވަރު ވެފައިވާކަމަށް ދެކޭ ފަރާތްތައް މަދެއް ނޫނެވެ. އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޗެލްސީ ސެމީފައިނަލުން ޖާގަހޯދާކަމަށްވާނަމަ ދެވަނަ ލެގްގައި ތިން ލަނޑުގެ ތަފާތަކުން މެޗް ކާމިޔާބުކުރަންޖެހޭނެއެވެ.