ކުޅިވަރު

ގަލޮޅު ކަންމަތި ބަނަފްސާ އާއި އެއާޕޯޓް ރެކްރިއޭޝަނަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގައި ގަލޮޅު ކަންމަތީ ބަނަފްސާ ޓީމާއި އެއާޕޯޓް ރެކްރިއޭޝަން ޓީމުން ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

ބުދަ ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗު މެރީކޯނާ އާއި ބައްދަލުކޮށް ގަލޮޅު ކަންމަތީ ބަނަފްސާ ޓީމުން މެޗު ކާމިޔާބުކުރީ 28 ލަނޑުންނެވެ.

ގަލޮޅު ކަންމަތީ ބަނަފްސާ ޓީމުން ކުޅެންއަރާ 8 އޯވަރު ތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން 143 ލަނޑު ހަދާފައިވެއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 41 ލަނޑު ހެދި އިސްމާއިލް އަނިލް އާއި، 36 ލަނޑު ހެދި އަޙްމަދު ދީދީއެވެ.

ޖަވާބުގައި މެރީ ކޯނާ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 115 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ހެދި މުޙައްމަދު ހައިކަލްއެވެ.

ބުދަ ދުވަހު ކުޅުނު ދެވަނަ މެޗުގައި އެވިއާ މޯލްޑިވްސްގެ މައްޗަށް އެއާޕޯޓް ރެކްރިއޭޝަނުން ކުރިހޯދީ 1 ވިކެޓުންނެވެ.

އެވިއާ މޯލްޑިވްސްއިން ކުޅެންއަރާ 8 އޯވަރު ތެރޭގައި 128 ލަނޑު ހަދާފައިވެއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 37 ލަނޑު ހެދި ޖިލްވާޒް ރަޝީދާއި 57 ލަނޑު ހެދި ޔާސީން އަޙްމަދެވެެ.

ޖަވާބުގައި އެއާޕޯޓް ރެކްރިއޭޝަނުން ކުޅެންއަރާ މެޗު ކާމިޔާބުކުރީ 8 ވަނަ އޯވަރުގެ ފަހު ބޯޅަ ހަޔަކަށް ޖަހައިގެންނެވެ. އެއީ 8 އޯވަރުން 130 ލަނޑު ހަދައިގެންނެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 41 ލަނޑު ހެދި އިބްރާހީމް ނަސާތުއެވެ.

ރަމަޟާން ކްރިކެޓް ކާނިވަލުގެ މެޗުތައް މިއަދުވެސް ކުޅެވިގެންދާނެއެވެ. މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މީޓިއޯސް އާއި އައިބީއެސް އެވެ. ދެވަނަ މެޗުގައި ކުޅޭނީ ގަލޮޅު ކަންމަތި އާއި ކިންޒާ ކެފޭއެވެ.