ކުޅިވަރު

ޕޮލިސް ކުލަބު ބަލިކޮށް ސޮކަ މޭޓްސްއިން ފެށުން ރަނގަޅުކޮށްފި


މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މޯލްޑިވްސް ސޮކަ މޭޓްސްއިން ޕޮލިސް ކްލަބް ބަލިކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

ބުދަ ދުވަހު ހަވީރު އެފްއޭއެމް އެއް ނަމްބަރު ޓާފުގައި ކުޅުނު މެޗު ސޮކަ މޭޓްސްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސޮކަ މޭޓްސް އިން ލީޑުނެގީ 20 ވަނަ މިނިޓްގައި މުހުތާރް ނަސީރު (ޓޫކިލޯ) ޖެހި ލަނޑުންނެވެ. މި ލަނޑަށް ފަހުން ވެސް ސޮކަ މޭޓްސް އިން ކުރިއަށް ޖެހިގެން ކުޅެ ޕޮލިހުގެ ފަހަތަށް ބާރު ބޮޑުކުރި އެވެ. ސޮކަ މޭޓްސްގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ ވަނީ އެ ޓީމަށް ލަނޑެއް ޖެހޭތޯ މި ހާފުގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ.

ފުރަތަމަ ލަނޑު ޖެހިތާމާގިނައިރެއް ނުވެ، ސޮކަ މޭޓްސްގެ ދެ ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު ނަސީމް (އައްމަޑޭ) އެވެ.

ސޮކަ މޭޓްސް ޓީމުގައި މަޝްހޫރު ގިނަ ކުޅުންތެރިން ހިމެނޭއިރު، އެ ޓީމުން ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. ދެ ވަނަ ހާފްގައި ޕޮލިހުން ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް އެޓޭކްކުރިއެވެ. ޕޮލިހުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ނަސްރުﷲއެވެ.

ސޮކަ މޭޓްސްގެ ތިން ވަނަ ލަނޑު ޖެހީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި އިސްމާއިލް އަނިލް އެވެ. ޕޮލިހަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ހާފުގެ މެދެއްހާ ހިސާބުން އެ ޓީމުގެ އަހުމަދު އަބްދުﷲ ޖެހި ބޯޅަ ސޮކަ މޭޓްސްގެ ކީޕަރު ހުސެއިން ހަބީބް ވަނީ މަތަކޮށްފަ އެވެ. އޭގެ އިތުރުން ނަސްރުﷲ ޖެހި ބޯޅައެއް ކީޕަރު ހަބީބް ވަނީ ހުއްޓުވައިފަ އެވެ.

ރަމަޟާން މަހު ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ވެޓެރަންސް ކަޕް މި ފަހަރު މި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ޖުމްލަ ހަތް ޓީމު މި ފަަހަރުގެ މުބާރާތުގައި ބައިވެރިވެ އެވެ. އެފްއޭއެމާ ގުޅިގެން މި ފަހަރުގެ މުބާރާތް .އިންތިޒާމް ކުރަނީ ކްލަބް އިވެންޓްސް އިންނެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ހުޅުމާލެ ވެޓެރަންސް އާއި ކްލަބް އީގަލްސްއެވެ. މެޗު ފަށާނީ 16:30 ގަ އެވެ. ހުޅުމާލެ ވެޓެރަންސް ވަނީ ކުޅުނު ފުރަތަމަ މެޗުން ކްލަބް ގްރީން ސްޓްރީޓްސް އަތުން މޮޅުވެފަ އެވެ. މިއަދުގެ މެޗަކީ އީގަލްސްގެ ފުރަތަމަ މެޗެވެ.