ކުޅިވަރު

ލީގު މެޗު ޝެޑިއުލް ބަދަލުކޮށްދޭން ފެސްކޯ އެދިއްޖެ


އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ދެވަނަ ބުރުގައި މި މަހު 12 ވަނަ ދުވަހު ޑާކާ އަބަހާނީއާ ދެކޮޅަށް ބަންގްލަދޭޝްގައި ވެލެންސިއާ ކުޅެން ޖެހޭ މެޗުގެ ކުރިން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ މެޗެއް ވެލެންސިއާ އިން ކުޅެން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށްދޭން ވެލެންސިއާގެ ކޯޗު އަޙްމަދު މުޖުތަބާ (ފެސްކޯ) އެފްއޭއެމަށް އިލްތިމާސްކޮށްފިއެވެ.

ވެލެންސިއާއިން އޭއެފްސީ ކަޕް ކޮލިފައިންގެ ދެވަނަ ބުރުން ޖާގަ ހޯދީ އަންގާރަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ.

މި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފެސްކޯ ބުނީ މި މެޗުން މޮޅުވުން އެއީ ހަމައެކަނި ވެލެންސިއާއަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި، މިއީ ދިވެހި ފުޓުބޯޅަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ފެސްކޯ ބުނީ ވެލެންސިއާގައި އަނިޔާގެ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި، މި ދަނޑިވަޅު ގާތް ގާތުގައި މެޗުތައް ކުޅެން ޖެހުމުން އެކަމުގެ އަސަރު ޓީމަށް ކުރާ ކަމަށެވެ.

މިހާރު އޮތް ގޮތުން ވެލެންސިއާއަށް ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗު އަންނަ ހުކުރު ދުވަހު ކުޅެން ޖެހޭނެއެވެ. އެ މެޗުގައި ވެލެންސިއާ ނުކުންނާނީ ޓީސީ އާއި ދެކޮޅަށެވެ. ފެސްކޯ ބުނީ އެ މެޗަށްފަހު އެއް ދުވަސްތެރޭ ވެލެންސިއާއިން ދެން ޖެހޭނީ ބަންގްލަދޭޝްއަށް ދަތުރު ފަށަން ކަމަށެވެ.

ފެސްކޯ ބުނީ 12 ގަޑިއިރުގެ ދަތުރެއް ކުރުން އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި މެޗެއް ކުޅުމާ އެއްވަރަށް ވަރުބަލިވާނެ ކަމެއް ކަމަށެވެ. އަދި ދަތުރަށް ފަހު 24 ގަޑިއިރު ތެރޭގައި އަނެއް މެޗު ކުޅެން ޖެހޭ ކަމަށާއި، އެހެން ކަމުން ލީގުގައި ކުޅޭ މެޗު ފަސްކޮށްދިނުން އެއީ ޓީމަށް ލިބޭނެ ހިތްހަމަ ޖެހުމެއް ކަމަށް ފެސްކޯ ބުންޏެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕްގައި މިވަގުތު އޮތީ ތިން ޓީމެވެ. އެއީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ ގޯކުލަމް ކެރެލާ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

ވެލެންސިއާއިން އެންމެ ފަހުން އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ކުޅެފައިވަނީ މީގެ 13 އަހަރު ކުރިންނެވެ.