ޚަބަރު

ޔޫކްރެއިނުން ބޭނުންވަނީ އިސްރާއީލަކަށްވާން: ޒެލެންސްކީ


ޔޫކްރެއިނުން ބޭނުންވަނީ އިސްރާއީލަކަށްވާންކަމަށް އެ ޤައުމުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޔަހޫދީ ދަރިފަސްކޮޅަށް ނިޞްބަތްވާ ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ނިމުމުން އޭނާ ބޭނުންވާ އިސްރާއީލުން ޢަމަލުކުރަމުންދާ ބައެއް ސިޔާސަތުތައް ތަންފީޒުކުރެއްވުމަށްކަމަށެވެ. އެ ގޮތުން ޒެލެންސްކީ ވިދާޅުވީ އޭނާގެ ތަޞައްވަރުގައި ހަނގުރާމައަށްފަހު ޔޫކްރެއިނުގެ ހުރިހާ މުވައްސަސާތަކާއި ވިޔަފާރި މަރުކަޒުތަކާއި ޢާއްމުން އެއްވެއުޅޭ ސަރަޙައްދުތަކުގައި ސިފައިންނާއި ޢާއްމުންނަށް ހަތިޔާރުގެންގުޅެވެންވާނެއެވެ. އެއީ އިސްރާއީލުގައި ޢާއްމުކޮށް ފެންނަ މަންޒަރެކެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޒެލެންސްކީވަނީ އިސްރާއީލާއި ޔޫކްރެއިނާ ދެމެދު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުން މުޙިއްމުކަން ފާހަގަކުރައްވައިފައެވެ. އަދި އިސްރާއީލަކީ މިސާލެއްކަމަށް ބަލަންޖެހޭ ޤައުމެއްކަމަށް ވިދާޅުވެ ޒެލެންސްކީވަނީ ވީޑިޔޯ މެދުވެރިކޮށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގައި ތަޤުރީރުވެސްކުރައްވައިފައެވެ. އަދި ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް އިސްރާއީލުގެ ސަރުކާރުންވަނީ ބާރުއަޅައިފައެވެ.

ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށްފަހު ޔޫކްރެއިނުގެ ސިޔާސަތުތަކެއް ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވަމުން ޒެލެންސްކީ ވިދާޅުވީ ދާޢިމީ ޞުލްޙައެއް ޤާއިމުކުރެވޭނީ ވަކި ފަރާތަކަށް ނުޖެހޭ ޤައުމެއްގެ ގޮތުގައި އޮވެގެންކަމަށް ޤަބޫލުކުރައްވާކަމަށެވެ. ނަމަވެސް ސުވިޓުޒަލޭންޑުފަދަ ޤައުމުތަކުން ގެންގުޅޭ ވިލާތާ ރަޙްމަތްތެރި ސިޔާސަތުތަކަށްވުރެ އަމިއްލަވަންތަ ގޮތްތަކެއް ޔޫކްރެއިނުން ގެންގުޅެންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން އޭނާވަނީ އިސްރާއީލުގެ ސިޔާސަތުތައް ފާހަގަކުރައްވައި ޔޫކްރެއިނުގެ ކޮންމެ ރައްޔިތަކީވެސް ހަނގުރާމަވެރިއަކަށްވާން ޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ އިމާރާތެއްގެ ކޮންމެ ގެއެއްގެ ކޮންމެ ފަރުދެއްގެ ކިބައިން އެފަދަ އެއްބައިވަންތަ ސިޔާސަތުތަކެއް ފެންނަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.