ޔޫކްރެއިނުގެ ބޮޑެތި ރަށްތަކަށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފިއެވެ.
ފާއިތުވި ދުވަސްތަކުގައި ރަޝިޔާގެ ފައުޖުތައްވަނީ ޔޫކްރެއިނުގެ އުތުރުގެ ސަރަޙައްދުތަކަށް ޙަމަލާދިނުން މަޑުޖައްސާލައި އެ ޤައުމުގެ ފައުޖުތައް ފަހަތަށް ޖައްސައި އަލުން ޖަމާކޮށްފައެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ޔޫކްރެއިނުގެ އުތުރުގެ ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތައް މަޑުޖައްސާލީ ދެ ޤައުމުގެ ދެމެދުގައި ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް ކުރަމުންދާ މަޝްވަރާތަކަށް ޖާގަދިނުމަށްކަމަށެވެ. އޭގެ އިތުރުން ޔޫކްރެއިނުގެ ވެރިރަށް ކިޔޭވު އޮންނަ އެ ޤައުމުގެ އުތުރުގެ ސަރަޙައްދުތަކުގައި ޙާޞިލުކުރަން ބޭނުންވި ލަނޑުދަނޑިތައް ޙާޞިލުކުރެވިފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި ރަޝިޔާގެ ޙަމަލާތައް އެންމެ ބޮޑަށް ޢަމާޒުކުރާނީ ޔޫކްރެއިނުގެ ދެކުނުއިރުމަތީގެ ސަރަޙައްދުތަކަށްކަމަށް އެ ވުޒާރާއިންވަނީ ބުނެފައިވެއެވެ. ފާއިތުވި ހަ ހަފުތާވަންދެން ރަޝިޔާއިން ކުރަމުންދާ ހަނގުރާމާގައި އެ ޤައުމުގެ ފައުޖުތަކަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދިފައިވަނީ ޔޫކްރެއިނުގެ ދެކުނުއިރުމަތީގެ ސަރަޙައްދުތަކުގައެވެ.
ރަޝިޔާއިން އެންމެ ފަހުން ޙަމަލާތައް ދެމުންދާ ސަރަޙައްދުތަކުގެ ތެރޭގައި ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ކަރްކީވާއި ދެކުނުގައި އޮންނަ މަރިއުޕޯލާއި އޮދިއްސާ ހިމެނެއެވެ. އަދި އަމިއްލައަށް މިނިވަންކަން އިޢުލާންކޮށްފައިވާ ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސުގައި ބަދަލުކުރަމުންދާ ޙަމަލާތައްވެސްވަނީ އިތުރަށް ވަރުގަދަވެފައެވެ.
ފެބްރުއަރީ މަހުގެ ވަނަ ދުވަހުން ފެށިގެން ވައިގެމަގުންނާއި ކަނޑުމަގުންނާއި އެއްގަމުން ރަޝިޔާއިން ދެމުންދާ ޙަމަލާތަކުގައި ޔޫކްރެއިނުގެ ޢާއްމުންގެ އެތައް ހާސް ބަޔަކު މަރުވެ 4.2 މިލިޔަން މީހުންވަނީ އަވަށްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައެވެ.