ޚަބަރު

އިތުރުވަމުންދާ ގައިންގަޔަށް ނާރާ ބަލިތަކާމެދު ވިސްނާލުން މުހިއްމު ދުވަހެއް


މިއަދަކީ މިއަހަރުގެ ދުނިޔޭގެ ސިއްޙަތު ދުވަހެވެ. ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހަކީ ދުނިޔޭގެ ސިއްޙަތު ދުވަހުގެ ގޮތުގައި ކަނޑައެޅުނީ 1948 ވަނަ އަހަރު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯ ވުޖޫދުވި ދުވަހަށް ނިސްބަތްކޮށްފައެވެ. މިދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަނީ ދުނިޔެއަށް ކުރިމަތިވަމުންދާ އެކި ޙާލަތްތަކުގައި ސިއްޙަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާމެދު ހޭލުންތެރިކުރުވުމަށްޓަކައެވެ. މިއަހަރުގެ މިދުވަހުގެ ޝިޢާރަކީ "އަހަރެމެންގެ ދުނިޔެ، އަހަރެމެންގެ ސިއްޙަތު" މިޝިޢާރެވެ.

ޝިޢާރުގެ މައިގަނޑު މަޤްސަދަކީ މިވަގުތު ދުނިޔޭގެ އިޤްތިޞާދަށާއި ދުނިޔޭގެ ތިމާވެށީގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ސިއްޙަތަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް މަސައްކަތްކުރުމެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑްގެ ބަލިމަޑުކަމުގައި ސިއްޙީ ނިޒާމަށް ވަނީ ވަރަށް ބޮޑަށް ލޮޅުން އަރާފައެވެ. މީގެ އިތުރުން ތިމާވެށީގެ އެކި އެކި މައްސަލަތަކާއި ގެއްލުން ހުރި އެކި އާދަތަކުގެ ސަބަބުން އިތުރުވަމުންދާ ގައިންގަޔަށް ނާރާ ބަލިތައް އަންނަނީ ކަންބޮޑުވާ ދަރަޖައަށް އިތުރުވަމުންނެވެ. މިއަހަރުގެ ޞިއްހަތު ދުވަހުގެ ޝިޢާރު އަލިއަޅުވާލަނީ މިކަމަށެވެ.

ރާއްޖޭގައިވެސް ކޯވިޑާއެކު ސިއްޙީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. ޚާއްސަކޮށް އިތުރުވަމުން އަންނަ ގައިން ގަޔަށް ނާރާ ބަލިތަކެވެ. އެކި ވައްތަރުގެ ކެންސަރާއި ހިތުގެ މައްސަލަތަކާއި ކިޑްނީގެ ބަލިތައް އަންނަނީ ނިސްބަތުން އިތުރުވަމުންނެވެ. މިބަލިތަކާއި ގުޅޭގޮތުން ސީދާ އެއްވެސް ދިރާސާއެއް ރާއްޖޭގައި މިހާތަނަށް ހެދިފައެއް ނެތެވެ. އެހެންނަމަވެސް ބަލިތަކަށް ޚާއްސަ ޑޮކްޓަރުން އެއްބަސްވެވަޑައިގަންނަވާ އެއް ޙަގީގަތަކީ ދިރިއުޅުމުގައި ގެންގުޅެވޭ ނުރަނގަޅު އާދަތަކެވެ. ކެއިން ބުއިމުގައި ފަރުވާ ކުޑަކުރެވޭ އެތައްކަމެކެވެ. އަދި ބަލިތަކަށް ހުށައެޅޭ ނުވަތަ ވާރުތަވާ އެކިއެކި ސަބަބުތަކެވެ.

ސިއްޙީ ދުވަހެއް ފާހަގަކުރަމުންދާއިރު ދުޅަހެޔޮކަމަށް ބާރުއަޅާ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ދެވޭނެ މަގުވެސް ކޮށަން އަދި ކޮށައިދޭންވެސް އެބަޖެހެއެވެ. ހާސްވެ ކަންބޮޑުވުމުގައި ދިރިއުޅެން ޖެހިފައިވާވުމަށް މުޅިމުޖުތަމަޢު ތެދުވަންޖެހެއެވެ. ބަލިތަކަށް މަގުފަހިވާގޮތަށް ހުރި މިފަދަ ކަންކަމާ މެދުވެސް ފިޔަވަޅުތައް އަޅަންޖެހެއެވެ. ކަމާބެހޭ ފަރާތްތަކުން އުސޫލުތައް އެކުލަވާލައިގެން ނަމަވެސް ދުޅަހެޔޮކަމަށް ދިވެހިން ގެންދާ ހިސާބަށް ޤައުމުގެ ޙާލަތު ގޮސްފިއެވެ. ބަލިވެގެން ކުރާ ހޭދަ ދުޅަހެޔޮކަންމަތީ ތިބުމަށް ކުރެވޭނަމަ އެއީ އިޤްތިޞާދަށް އަންނާނެ ހެޔޮ ބަދަލަކަށް ވާނެއެވެ.

ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމާއި ރަށްރަށުގައި ހުރި ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް އަޕްގްރޭޑްކުރުމާއި އައު ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. ހަމައެއާއެކު އިތުރު ޚިދުމަތްތައް ތަޢާރަފްކުރުމުގެ މަސައްކަތްވެސް އެބަކުރެއެވެ.

ކޯވިޑްގެ ތެރޭގައި ރާއްޖޭގެ ސިއްޙީ ނިޒާމު ބަދަލުވެގެންދިޔައީ އޭގެކުރިން ކުރެވިދާނެކަމާމެދު ސުވާލު އުފެދިފައިވާ ގޮތަކަށެވެ. މަރުކަޒީ ގޮތުން ދެވެމުންއައި ސިއްޙީ ޚިދުމަތް ލާމަރުކަޒީވެގެންދިޔައީ ކޯވިޑްގެ ލޮކްޑައުންގެތެރޭގައެވެ. އެހެންކަމުން ރާއްޖޭގެ ސިއްޙީ ނިޒާމުވަނީ މި ބަލިމަޑުކަމުގެ ތެރޭގައިވެސް ކުރިއެރުންތަކެއް ޙާސިލުކޮށްފައެވެ. އޭގެއިން އެނގިގެންދަނީ ރާއްޖޭގައި އޮތް ސިއްޙީ އެންމެ ނުރައްކާ އެއް ޙާލަތުކަމަށްވާ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުމުގެ މައްސަލަ ޙައްލުކުރުމަށްވެސް ފިޔަވަޅުތަކެއް އެޅިއްޖެނަމަ މިޙާލަތު ބަދަލުކުރެވިދާނެއެވެ. މިކަމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ޢާއްމުން އެއްގަލަކަށް އަރަންޖެހެއެވެ.