ޚަބަރު

އިސްތިޢުފާދެއްވުމުގެ އެއްވެސް ވިސްނުންފުޅެއް ގޮތަބަޔާ ނުގެންގުޅުއްވާ


ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ނާޒުކު ޙާލަތާމެދު ރުޅިގަދަވެފައިވާ ޢާއްމުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާޙަރާތަކެއް ކުރި ނަމަވެސް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިސްތިޢުފާނުދެއްވާނެކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.

ސުރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އެ ޤައުމުގެ ހައިވޭއާބެހޭ ވަޒީރު ޖޯންސްޓަން ފަރްނާންދޯ ވިދާޅުވީ އިސްތިޢުފާދެއްވުމުގެ އެއްވެސް ވިސްނުންފުޅެއް ގޮތަބަޔާ ނުގެންގުޅުއްވާކަމަށާއި އޭނާ އިންތިޚާބުވެވަޑައިގެންފައިވަނީ 6.9 މިލިޔަން މީހުންގެ ވޯޓުންކަން ހަދާންކުރަންޖެހޭކަމަށެވެ. އަދި ސިޔާސީ ފިއްތުންތަކަކަށް ކުރިމަތިލައްވަން ގޮތަބަޔާ ހުންނެވީ ތައްޔާރަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސުރީ ލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ކާފިޔުއެއް ތަންފީޒުކުރި ނަމަވެސް ޢާއްމުންވަނީ އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި އެއްވުންތަކެއް ބާއްވައިފައެވެ. އެއާއެކު ގޮތަބަޔާވަނީ އެ ފިޔަވަޅުތައް އުވާލައްވައިފައެވެ. އޭގެ އިތުރުން ގޮތަބަޔާވަނީ ސުރީ ލަންކާގެ ސަރުކާރު އުވާލައްވައި އެ ޤައުމުގައި އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލެއްވުމަށް މަސައްކަތްކުރައްވައިފައެވެ. ނަމަވެސް އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުން އެ ހުށަހެޅުއްވުން ބަލައިގަނެފައެއް ނުވެއެވެ.

22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ގޯސްވެފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ގެއްލުމުގެ ސަބަބުންނާއި ބޭރުގެ ޤައުމުތަކަށާއި މާލީ ވުޒާރާތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާދައްކަން ޖެހުމުންނެވެ. އެއާއެކު އެ ޤައުމުން ތެޔޮ ގަތުމަށް ބޭނުންކުރާނެ ބޭރު ފައިސާ ހުސްވެ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ގިނަ ވަޤުތުތަކަކަށް ކަރަންޓު ކަނޑަންވަނީ މަޖުބުރުވެފައެވެ. ސުރީ ލަންކާއަށް އިޤްތިޞާދީ ނާޒުކު ޙާލަތުން އަރައިގަތުމަށް އެ ޤައުމުން އެންމެ ބޮޑު އެހީތެރިކަމަކަށް އެދިފައިވަނީ އިންޑިޔާއާއި ޗައިނާއިންނެވެ.