ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި ބެންފީކާގެ މައްޗަށް ލިވަޕޫލުން ކުރިހޯދައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މިމެޗު ލިވަޕޫލުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ޖަހާ ލީޑު ނަގާފައިވަނީ ލިވަޕޫލުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމާ ކޮނާޓޭއެވެ. އަދި ދެވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސަޑިއޯ މާނޭއެވެ.
މިމެޗުގައި ބެންފީކާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޑާވިން ނޫނޭޒްއެވެ. މިލަނޑާއެކު ބެންފީކާއަށް ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބިގެންދިޔަ ނަމަވެސް ލިވަޕޫލުންވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ދެ ލަނޑުގެ ލީޑެއް އަނެއްކާވެސް ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒްއެވެ.
މިކާމިޔާބީއާއެކު ލިވަޕޫލަށް މިވަނީ ކުއާޓާ ފައިނަލުގައި ރަނގަޅު ލީޑެއް ލިބި މި މުބާރާތުގެ ސެމީފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑު ވެގެން ގޮސްފައެވެ. މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުދަދުވަހުގެ ރޭ ލިވަޕޫލްގެ ދަނޑުގައެވެ.