ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗް ހަނިގޮތަކަށް ސިޓީން ކާމިޔާބުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ސިޓީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗު ކަހަލަ ގޮތަކަށް ސިޓީން ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް އެތުލެޓިކޯގެ ޑިފެންސް ފޫއަޅުވާލުމުގައި ސިޓީއަށް ދަތިތަކެއް ކުރިމަތިވިއެވެ. އެގޮތުން މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މި މެޗުގައި ސިޓީއަށް ލީޑު ނެގުނީ ދެވަނަ ހާފުގެ މެދުތެރޭ އެޓީމުން ކުރިއަށް ކުޅޭ ތިން ކުޅުންތެރިޔަކު ބަދަލުކުރި ހިސާބުންނެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފިލް ފޯޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި މި މެޗުގައި ސިޓީން ޖެހި ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކެވިން ޑި ބްރުއިނާއެވެ. މިމެޗުގެ ފަހު 20 މިނެޓުގެ ތެރޭގައި ލަނޑު ޖަހާނެ އިތުރު ދެތިން ފުރުސަތު ސިޓީއަށް ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
މިނަތީޖާ އާއެކު ސިޓީ ދެވަނަ ލެގަށް ނިކުންނައިރު މިވަނީ އެއް ލަނޑުގެ ލީޑެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އެތުލެޓިކޯގެ ދަނޑުގައި ކަމުން ސެމީފައިނަލަށް ދިއުމުގެ ފުރުސަތު އެތުލެޓިކޯއަށްވެސް އަދި އެބައޮތް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ.