ޚަބަރު

ޢާއްމު ނޫން ހަމުގެ ބައްޔެއް ތަޙައްމަލުކުރަމުންދިޔަ ތުއްތު ލަޔަކް ނިޔާވެއްޖެ


ހަމުގެ ބޮޑު ބައްޔަކާއި ހަނގުރާމަކުރަމުންދިޔަ ތުއްތު ޔޫސުފް ލަޔަކް ނިޔާވެއްޖެއެވެ.

އެއް އަހަރުގެ ލަޔަކް އިތުރުފަތުވާއަށް އިންޑިއާއަށް ގެންގޮސް ރެއިންބޯ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް ލޭގެ އިންފެކްޝަންއެއް ޖެހުމާއި ގުޅިގެން މީގެ 4 ދުވަސްކުރިންވަނީ އައިސީޔޫއަށް ބަދަލުކޮށްފައެވެ. އިންޑިއާއަށް ފަރުވާ އަށް ގޮސްފައިވަނީ އިންފެކްޝަނެއްގެ ސަބަބުން ލަޔަކްގެ ޙާލަތު ސީރިއަސްވެ ނިއުމޯނިއާ ޖެހި މީގެ މަހެއްހާ ދުވަސްކުރިން ފެށިގެން އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު އިތުރަށް ރާއްޖެއިން ދެވޭނެ ފަރުވާއެއް ނެތްކަމަށް ޑޮކްޓަރުން ވިދާޅުވުމުންނެވެ.

ޢާއްމުކޮށް ނުފެންނަ ހަމުގެ ބައްޔެއްކަމަށްވާ ހާލެކުއިނިކް އިޗްތިއޮސިސްގެ ސަބަބުން ތުއްތު ލަޔަކް ވިހޭއި އިރުވެސް ހަށިގަނޑުގެ ހަން އާދަޔާ ޚިލާފަށް ބޯވެ އެކަމުގެ ވޭން ދިޔައީ ތަޙައްމަލުކުރަމުންނެވެ. މިބައްޔަކީ ދުވަސްނުފުރާ ކުއްޖާ ވިހާއިރުވެސް ގައިގެ ހަން އާދަޔާ ޚިލާފަށް ބޯވެ ކުރަކިވެގެން ނެއްޓޭ ޙާލަތުކުރިމަތިވާ ޖެނެޓިކް ބައްޔެކެވެ.

ދިވެހިންގެ ލޯބި ހޯދާފައިވާ ތުއްތު ލަޔަކްގެ ޙާލަތު ޢާއިލާއިން ގެންދިޔައީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުންނެވެ.
އަދި ފަރުވާއެއް ހޯދިފައިނުވާ ބައްޔެއް ލަޔަކް ތަޙައްމަލުކުރަމުންދިޔައިރު މީގެ ސަބަބުން ލަޔަކްގެ ބޯވާ ހަންގަނޑު ވަރަށް ގިނައިން ނެއްޓެއެވެ. ފަރުވާއެއް ނެތްނަމަވެސް ލަޔަކްގެ ޢާއިލާއިން ގެންދިޔައީ ތުއްތު ލަޔަކްއަށް ދެވެންހުރި ފަރުވާއެއް ހޯދައިދީ އަޅަމުންދިޔަ ވޭން ލުއިކުރެވޭތޯ މަސައްކަތްކުރަމުންނެވެ. މިމަސައްކަތަށް އެކިފަރާތްތަކުންވަނީ އެހީތެރިކަން ފޯރުވައިދީފައެވެ.