ކުޅިވަރު

ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް ދަ ގްރާންޑޭއިން ފެށުން ރަނގަޅުކޮށްފި


މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗުގައި ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ފެށުން ރަނގަޅުކޮށްފިއެވެ.

އެފްއޭއެމް އެއް ނަމްބަރު ޓާފުގައި ކުޅުނު މި މެޗު ދަ ގްރާންޑޭއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދަ ގްރާންޑޭ އަށް ލީޑުނަގައިދޭން އެ ޓީމުގެ ފަހަތަށް ކުޅޭ އިބްރާހިމް ސާމިރު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ފުރަތަމަ ހާފުގައި ސިފައިންގެ ޓީމުގެ މުހައްމަދު ރަމީޒް ޖެހި ބޯޅައެއް ދަ ގްރާންޑޭގެ ކީޕަރު ލުއައްޔު އާދަމް ވަނީ މަތަކުރިއެވެ. މެޗުގެ ފުރަތަމަ ހާފުގައި މި ދެ ފުރުސަތު ފިޔަވާ ދެ ޓީމަށްވެސް ލަނޑު ޖަހަން މާކަ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ.

މި މެޗުން ދަ ގްރާންޑޭ މޮޅުވި ލަނޑު ޖެހީ ދެ ވަނަ ހާފުގެ ފަހު ކޮޅުގައި ޕެނަލްޓީ އަކުން ހަަސަން ޝަރީފްއެވެ. މިއީ މެޗުގެ 56 ވަނަ މިނިޓްގައި ހަސަން ޖެހި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ދިވެހި ސިފައިންގެ ކްލަބްގެ ކުޅުންތެރިއަކު އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ހަަސަން ޖެހި ޕެނަލްޓީ ގޯލަށް ވަނީ ސިފައިންގެ ޓީމު ކީޕަރު އިބްރާހިމް ރަޝީދު އަތުގައި ޖެހިފައެވެ.

ސިފައިންގެ ޓީމުން ކުރިއަށް ޖެހިގެން އެއްވަރުކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއްނުވިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދަ ގްރާންޑޭގެ ލަނޑު ޖެހި ހަސަންއެވެ.

ރަމަޟާން މަހު ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ވެޓެރަންސް ކަޕް މި ފަހަރު މި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެފްއޭއެމާ ގުޅިގެން މި ފަހަރުގެ މުބާރާތް .އިންތިޒާމް ކުރަނީ ކްލަބް އިވެންޓްސް އިންނެވެ.މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ ޓީމެއްގައި ވެސް 35-40 ދެމެދުގެ ދެ ކުޅުންތެރިން ލިސްޓުގައި ޖެހޭނެ އެވެ.ދެން ބާކީ ކުޅުންތެރިން ވާން ޖެހޭނީ 40 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ.

މުބާރާތް ރޭވިފައިވަނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ހޮވޭ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 30 ގައެެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ޕޮލިސް ކްލަބް ނުކުންނާނީ މޯލްޑިވްސް ސޮކަ މޭޓްސްއާ ދެކޮޅަށެވެ. މެޗު ފަށާނީ 16:30 ގައެވެ.