ކުޅިވަރު

ކިންޒާ ކެފޭ އާއި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓް ކާނިވާގައި ކިންޒާ ކެފޭ އަދި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީން ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

އަންގާރަ ދުވަހު ކުޅުނު ފުރަތަމަ މެޗު ލަވާލިޔާ އާއި ބައްދަލުކޮށް 9 ލަނޑުން ކާމިޔާބުކުރީ ކިންޒާ ކެފޭއެވެ. އަދި ދެވަނަ މެޗް ގަލޮޅު ކަންމަތީ ޓީމާއި ބައްދަލުކޮށް 8 ވިކެޓުން ކާމިޔާބުކުރީ މޯލްޑިވްސް އެއާރޕޯރޓް ކޮމްޕެނީގެ ޓީމެވެ.

ކިންޒާ ކެފޭ އިން ކުޅެން އަރާ 8 އޯވަރު ހަމަވިއިރު 4 ކުޅުންތެރިން ނުބައިވެގެން 126 ލަނޑުހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި ސަލާމް މުހަންމަދުއެވެ. ޖަވާބުގައި ލަވާލިޔާ ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 2 ކުޅުންތެރިން ނުބައިވެގެން ހެދުނީ 117 ލަނޑެވެ. އެ ޓީމުން އެންމެ ރަނަގަޅަށް ކުޅުނީ 29 ލަނޑު ހެދި އައްސަދު އަބްދުލްޣަނީއެވެ.

އަންގާރަ ދުވަހު ކުޅުނު ދެވަނަ މެޗު މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީން ކާމިޔާބުކުރީ 8 ވިކެޓުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ގަލޮޅު ކަންމަތި ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދުނީ 6 ކުޅުންތެރިން ނުބައިވެގެން 67 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑު ހެދި މުހަންމަދު އަފްލާހެވެ. ޖަވާބުގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ކުޅެންއަރާ 3 އޯވަރުގެ ތެރޭގައި 68 ލަނޑު ވަނީ ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 20 ލަނޑު ހެދި އާދަމް ނާސިފްއެވެ.

ރަމަޟާން ކްރިކެޓް ކާނިވާގެ މެޗުތައް މާދަމާވެސް ކުޅޭނެއެވެ. މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގަލޮޅު ކަންމަތި ބަނަފްސާ އާއި މެރީ ކޯނާއެވެ. އަދި ދެވަނަ މެޗުގައ ބައްދަލުކުރާނީ އެވިއާ މޯލްޑިވްސްއާއި އެއާރޕޯރޓް ރިކްރިއޭޝަން ކުލަބެވެ.