ކުޅިވަރު

ޕަރޯ ބަލިކޮށް ވެލެންސިއާ ދެވަނަ ބުރަށް


އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ކުލަބް ވެލެންސިއާ ބޫޓާންގެ ޕަރޯ އެފްސީ ބަލިކޮށް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ވެލެންސިއާއިން ނުކުތީ އަނިޔާގެ މައްސަލަތަކާއެކު އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ ގިނަ ކުޅުންތެރިން ނުލައެވެ. އެގޮތުން ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އާއި، މިސްރު މިޑްފިލްޑަރު ޚަލީލް ޖަމާލް އަދި އަމިއްލަ ސަބަބަކާއި ގުޅިގެން ކީޕަރު މުޙައްމަދު ފައިސަލް މި މެޗު ކުޅެފައެއް ނުވެއެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ 15 މިނެޓުގައި ދެ ޓީމަށްވެސް މާކަ ނުރައްކާ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެކަމަކު މެޗުގެ 18 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ވެލެންސިއާގެ ސްޕެއިން ފޯވާޑް ބޯހަސް މާޓިންގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޔާމީން (ޔާނު)އެވެ. މިއީ އޭއެފްސީ ކަޕު މެޗެއްގައި ޔާނު ކުޅުނު ފުރަތަމަ މެޗެވެ.

ވެލެންސިއާއިން ލީޑު ނެގިތާ ނުވަ މިނެޓު ފަހުން ޕަރޯ އިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެކްސްވެލް އެލޮންއެވެ.

އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައިވެސް އެލޮންއަށް ވަނީ ލަނޑު ޖަހަން ފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ އެލޮން ބޮލުން ޖެހި ބޯޅަ ވެލެންސިއާގެ ކީޕަރު ތޮލާލް ހަސަން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ހަމަހަމަ ކުޅުމެކެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ބޯހަސް ލަނޑު ޖެހި ނަމަވެސް ރެފްރީ ނިންމީ އެ ލަނޑުގެ ކުރިން ޔާނު އޮފްސައިޑްވެފައިވާ ކަމަށެވެ. އޭގެ ފަހުން މެޗުގެ 79 ވަނަ މިނެޓުގައި ޕަރޯގެ ފޯވާޑް އެލޮން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދައިފައެވެ. އޭރިއާ ބޭރުން އެލޮން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ތިން މިނެޓު ފަހުން އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ޔާނު ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ ފަހުން މެޗުގެ 86 ވަނަ މިނެޓުގައި ޕަރޯގެ ކަބި ރާޖް ރާއި އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމުން އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފައެވެ.

މެޗުގެ 91 ވަނަ މިނެޓުގައިވެސް ވެލެންސިއާގެ ބޯހަސް ވަނީ ލަނޑު ޖަހައިފައެވެ. އެކަމަކު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. އޭގެ ފަހުން މެޗުގެ 97 ވަނަ މިނެޓުގައި ވެލެންސިއާގެ އަބްދުﷲ މިދުހަތް ފަހުމީ (ބިޗަޑް) ފޮނުވާލި ނުރައްކާތެރި ހަމަލާ ޕަރޯގެ ކީޕަރު ގޭލްސްޓެން ޒަންގްޕޯ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ 100 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ޔާނުގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބޯހަސްއެވެ.

މި މޮޅާއެކު ވެލެންސިއާއިން ދެވަނަ ބުރުގައި ކުޅެން ޖެހޭނީ ބަންގްލަދޭޝްގެ އަބަހާނީއާއެވެ. މި މެޗު ކުޅޭނީ ބަންގްލަދޭޝްގައެވެ.