ޚަބަރު

މެޚްރޮންނަށް ވެރިކަން ދިފާޢުނުކުރެއްވިދާނެކަމުގެ ފުރުޞަތު ބޮޑުވެއްޖެ


ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮންނަށް ވެރިކަން ދިފާޢުނުކުރެއްވިދާނެކަމުގެ ފުރުޞަތު ބޮޑުވެއްޖެއެވެ.

ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބުގެކުރިން ނަގަމުންދާ ޚިޔާލުހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި މެޚްރޮންނާއި އެ ޤައުމުގެ ކަނާތު ފިޔައިގެ ސިޔާސީވެރިޔާ މަރީން ލު ޕޭންނާ ދެމެދު އޮންނަ ފަރަޤުވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އެ ގޮތުން އެންމެ ފަހުގެ ޚިޔާލުހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި ލު ޕޭންނަށްވަނީ %48.5 ލިބިވަޑައިގެންފައެވެ، އެއީ މެޚްރޮންނާ ލު ޕެންނާ ދެމެދު އޮންނަ ފަރަޤު އެންމެ ބޮޑަށް ކުޑަވި ފަހަރެވެ. މީގެ ކުރިން ނެގި ޚިޔާލުހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި ލު ޕެންނަށް ލިބިވަޑައިގެންފައިވަނީ %42 އަދި %47އެވެ. އަދި މެޚްރޮންނަށް ލިބިވަޑައިގެންފައިވަނީ %58 އަދި %53އެވެ. ނަމަވެސް އެންމެ ފަހުގެ ޚިޔާލުހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި މެޚްރޮންނަށް ލިބިވަޑައިގެންފައިވަނީ %51.5އެވެ.

އޭޕުރިލް 10ވަނަ ދުވަހު ބާއްވައި ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މެޚްރޮން އިޢުލާނުކުރެއްވީ ވަޤުތު ކުޑަތަންވެފައިވަނިކޮށެވެ. އެ ގޮތުން އިންތިޚާބަށް ތައްޔާރުވެވަޑައިގެންނެވުމުގެ ބަދަލުގައި މެޚްރޮން އެންމެ ބޮޑު އިސްކަމެއްދެއްވީ ޔޫކްރެއިނުގެ މައްސަލަ ޙައްލުކުރެއްވުމަށެވެ. އެ ގޮތުން ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދިނުމުގެ ކުޑަދުވަސްކޮޅެއްކުރިން މެޚްރޮންވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގެން އެ ޤައުމުގެ ރައީސް ވުލަޑުމީރް ޕުޓިންނާ ބައްދަލުކުރައްވައި ޞުލްޙަ ޤާއިމުކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ހަނގުރާމަ ފެށުނުފަހުންވެސް އޭނާވަނީ އެކި ފަހަރުމަތިން ތެލެފޯނުން ޕުޓިންނާ މަޝްވަރާކުރައްވައިފައެވެ. އޭގެ އިތުރުން އޭނާވަނީ ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުގައިވެސް މުޙިއްމު ދަޢުރެއް ޢަދާކުރައްވައިފައެވެ.

ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ ކުރިން ލު ޕެންވަނީ ވަރުގަދަ ކެންޕޭނުތަކެއް ކުރައްވައިފައެވެ. ޚާއްޞަ ގޮތެއްގައި ފަރަންސޭސިވިލާތުގެ ކުދި ފަންތިއާއި މެދު ފަންތީގެ ޢާއިލާތަކުގެ ތާޢީދު އޭނާވަނީ ހޯއްދަވައިފައެވެ. އެއާއެކު އޭޕުރިލް 24ވަނަ ދުވަހު ބާއްވައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ މެޚްރޮންނާއި ލު ޕެންކަމަށް ބެލެއެވެ. 2017ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ވާދަކުރެއްވީ މެޚްރޮންނާއި ލު ޕެންނެވެ. އެ ފަހަރު މެޚްރޮން އިންތިޚާބު ކާމިޔާބުކުރެއްވީ %66 ވޯޓުންނެވެ.