ކުޅިވަރު

އޭއެފްސީ ކަޕް ކޮލިފިކޭޝަނަށް ފުޓްސަލް ޓީމު ކިރްގިސްތާނަށް


މިއަހަރު ކުވައިތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންއަށް ގައުމީ ފުޓްސަލް ޓީމުން ކިރްގިސްތާނަށް ފުރައިފިއެވެ.

ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްސަލް ޓީމުން ވަނީ މިދިޔަ މަހު ތައިލޭންޑުގައި ބޭއްވި އިންވިޓޭޝަނަލް މުބާރާތެއްގައި ވެސް ބައިވެރިވެފައެވެ. އެ މުބާރާތުގައި ފުޓްސަލްގެ މި ސަރަހައްދުގެ ގަދަ ބާރުތަކާ ދެކޮޅަށް ރާއްޖެއިން ރަނގަޅު ކުޅުމެއް ވަނީ ދައްކާފައެވެ.

ގައުމީ ފުޓްސަލް ޓީމުން ކިރްގިސްތާނަށް ފުރައިފައިވަނީ ހޯމަ ދުވަހުގެ ރެޔެވެ. ގައުމީ ޓީމު ފުރުމުގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ ގައުމީ ޓީމު ކުޅުންތެރިންނާ ބައްދަލުކުރައްވާ ހިތްވަރު ދެއްވާފައެވެ.

އޭޝިއަން ފުޓްސަލް ކަޕަށް ތައްޔާރުވާން ރާއްޖޭގައި އެންމެ އެކަށީގެންވާ ފަރިތަކުރުންތަކެއް ގައުމީ ފުޓްސަލް ޓީމަށް ކުރެވޭ ގޮތް ވަނީ ނުވެފައެވެ. ފުޓްސަލްގެ ބައިނަލްއަގްވާމީ ސްޓޭންޑާޑްގެ ދަނޑެއް ރާއްޖޭގައި ނެތުމުން ގައުމީ ޓީމުން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ މެޓް ދަނޑުގައެވެ. އަދި ބައެއް ފަރިތަކުރުންތައް އެފްއޭއެމް މިނީ ޓާފުގައި އާއި ޕީކޭ ޓާފް ދަނޑުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މި މުބާރާތުގެ ގްރޫޕް އޭގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން، އިރާންގެ އިތުރުން ތުރުކުމެނިސްތާން އަދި ކިރްގިސްތާން އެވެ.