މައިލޯ އެފްއޭއެމް ވެޓެރަންސް ލީގުގެ ފުރަތަމަ މެޗުން ކުލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް ހުޅުމާލެ ވެޓެރަންސް ކުލަބުން ކުރިހޯދައިފިއެވެ.
އެފްއޭއެމް ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅުނު މި މެޗު ހުޅުމާލެ ވެޓެރަންސް ކުލަބް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ހުޅުމާލެ ވެޓަރަންސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ ދެވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝަމީމް (ކޮޔަރު)ގެ އެހީތެރިކަމާއެކު މުޙައްމަދު ޒިޔާދުއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ހުޅުމާލެ ވެޓަރަންސްއަށް ލީޑު ފުޅާކުރަން އިތުރު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފޭ ގޮތް ވަނީ ނުވެފައެވެ.
މެޗުގެ ދެވަނަ ހާފުގައި ހުޅުމާލެ ވެޓެރަންސްއިން އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މުޙައްމަދު ޖަމީލް (ޖަމްބެ)އެވެ. މި ލަނޑަށްފަހުވެސް އިތުރު ލަނޑެއް ޖަހަން ޖަމްބެއަށް ވަނީ މުޅިން ހުސްކޮށް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
ރަމަޟާން މަހު ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ވެޓެރަންސް ކަޕް މި ފަހަރު މި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.
އެފްއޭއެމާ ގުޅިގެން މި ފަހަރުގެ މުބާރާތް އިންތިޒާމް ކުރަނީ ކްލަބް އިވެންޓްސް އިންނެވެ. މުބާރާތް ރޭވިފައިވަނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ހޮވޭ ގޮތަށެވެ.. ފައިނަލް މެޗު އޮންނާނީ މި މަހު 30 ގަ އެވެ.