ކުޅިވަރު

އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޓީމްވޯކް ރަނގަޅުވުން: ފެސްކޯ


އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ޕަރޯ އެފްސީ އާއި ދެކޮޅަށް ނުކުންނައިރު ކުލަބް ވެލެންސިއާއަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޓީމުވޯކް ރަނގަޅުވުން ކަމަށް އެ ޓީމުގެ ކޯޗު އަޙްމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

ޕަރޯ އެފްސީ އާއި ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ގައުމީ ފުޓުބޯޅަ ދަނޑުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފެސްކޯ ބުނީ ވެލެންސިއާއިން އެންމެ ފަހުން 2017 ވަނަ އަހަރު އޭއެފްސީ ކަޕް ކޮލިފައިންއަށް ވެލެންސިއާއިން ނުކުތް ޓީމާ އަޅާބަލާއިރު މިފަހަރުގެ ޓީމުގެ ޓީމްވޯކް ރަނގަޅު ކަމަށެވެ.

2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވެލެންސިއާ ކުޅުނުއިރުވެސް ހެޑް ކޯޗުގެ މަގާމުގައި ހުރީ ފެސްކޯއެވެ. ފެސްކޯ އާއި އިސްމާއީލް އާސިފް (ކުޑަހީނާ)ގެ ކޯޗިން ޓީމުގެ އިރުޝާދުގެ ދަށުން އެފަހަރު ކޮލިފައިންގައި ބޫޓާނުގެ ތިމްޕޫ ސިޓީ އާއި ދެކޮޅަށް ކުޅުނު ދެ ލެގުންވެސް ވެލެންސިއާ ވަނީ 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ފެސްކޯ ބުނީ މި މެޗަށް ނުކުންނައިރު ބޫޓާންގެ ޓީމަކީ ދަށް ޓީމެއްގެ ގޮތުގައި ނުދެކޭނެ ކަމަށާއި ވިސްނާނީ ފަހަކަށް އައިސް ބޫޓާންގެ ފުޓުބޯޅައިން ފެނުނު ކުރިއެރުން ޕަރޯގެ ފަރާތުންވެސް ފެންނާނެ ކަމަށް ކަމަށެވެ. އަދި މި މެޗަށް ވެލެންސިއާއިން ނުކުންނާނީ ގައުމު ތަމްސީލު ކުރުމުގެ ރޫހުގައި ކަމަށް ފެސްކޯ ބުންޏެވެ.

މި މެޗަށް ވެލެންސިއާ ނުކުންނައިރު އަނިޔާގެ މައްސަލަތައް ގިނަ ކަމަށާއި، އެގޮތުން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ޓީމުގެ ފުރަތަމަ އެގާރައިން ފެނުނު ފަސް ކުޅުންތެރިން މިވަގުތު ތިބީ އަނިޔާގައި ކަމަށް ފެސްކޯ ބުންޏެވެ.

އެކަމަކު މި މެޗުގެ ވަކި ހިސާބަކުން ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ފެސްކޯ ބުންޏެވެ.

މި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބޫޓާންގެ ކޯޗު ޕުޝްޕާލާލް ޝަރަމް ބުނީ މި މެޗަށް ޕަރޯ އިން ނުކުންނާނީ މީގެ ކުރިން ބޫޓާން ގައުމީ ޓީމު ރާއްޖޭގައި ދައްކާފައިވާ ރަނގަޅު ކުޅުމުން ހިތްވަރު ލިބިގެން ކަމަށެވެ.

މި މެޗަށް ނުކުންނައިރު ޕަރޯއަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ މި ލެވަލްގެ މެޗުތައް ތަޖުރިބާ ކޮށްފައިތިބި ކުޅުންތެރިން މަދުވުން ކަމަށް ޕުޝްޕަލާލް ބުންޏެވެ.

ޕުޝްޕަލާލް ބުނީ އާންމުކޮށް ރާއްޖޭގައި ޓީމުތަކާ ދެކޮޅަށް ބޫޓާން ޓީމުތައް ކުޅޭއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސުން ކަމަށާއި، އެގޮތުން ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ބޫޓާން ޓީމުތައް އާންމުކޮށް ހަވީރު ގަޑީގައި މީގެ ކުރިން ކުޅުނު ކަމުގައިވީ ނަމަވެސް މި މެޗު ރޭގަނޑު ކުޅުން އެއީ ޓީމަށް ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.

އޭއެފްސީ ޕްރިލިމިނަރީ ބުރުގައި ވެލެންސިއާ އާއި ޕަރޯ އެފްސީ ބައްދަލުކުރާ މެޗު ކުޅޭނީ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަނޑިން 22:00 ގައެވެ.