ޚަބަރު

ވަޒީރުންގެ އިސްތިޢުފާއާއެކު ލަންކާގެ މުޒާހަރާތައް އިތުރަށް ވަރުގަދަވެއްޖެ


ސުރީ ލަންކާގެ ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން އިސްތިޢުފާދިން ނަމަވެސް އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ނާޒުކު ޙާލަތާމެދު ރުޅިގަދަވެފައިވާ ޢާއްމުން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާތައް އިތުރަށް ވަރުގަދަވެއްޖެއެވެ.

ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރައްވައި ކާފިޔުއެއް ތަންފީޒުކުރެއްވި ނަމަވެސް ޢާއްމުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަން ފެށުމުން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގެ ހުރިހާ ވަޒީރުންވަނީ އިސްތިޢުފާދީފައެވެ. އޭގެ ތެރޭގައި ސުރީ ލަންކާގައި ވެރިކަންކުރާ ރާޖަޕަކްސަ ޢާއިލާއަށް ނިޞްބަތްވެވަޑައިގަންނަވާ ނަމާލް ރާޖަޕަކްސައާއި ޗަމާލް ރާޖަޕަކްސަ ހިމެނިވަޑައިގަންނަވައެވެ. ސުރީ ލަންކާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ 26 ވަޒީރުން އެއްފަހަރާ އިސްތިޢުފާދިން ނަމަވެސް ގޮތަބަޔާގެ އިސްތިޢުފާއަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ.

ސުރީ ލަންކާއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް އިދިކޮޅު ފަރާތްތަކުން ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށް ގޮތަބަޔާވަނީ ގޮވާލައްވައިފައެވެ. ނަމަވެސް ސުރީ ލަންކާގެ އިދިކޮޅު ޕާޓީތަކުން އެ ގޮވާލެއްވުމަށް އިޖާބަދީފައެއް ނުވެއެވެ. އޭގެ ތެރޭގައި އެ ޤައުމުގެ މުސްލިމު އަދި ތަމަޅަ ޕާޓީތައް ހިމެނެއެވެ. ބަދަލުގައި ސުރީ ލަންކާގައި މުޒާޙަރާކުރަމުންދާ ފަރާތްތަކުން އެ ޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ސަރުކާރުގެ އިސްވެރިންގެ ގެކޮޅުތައް ވަށާލައި މުޒާހަރާކުރަންވަނީ ފަށައިފައެވެ. އެ މުޒާހަރާތައް ހުއްޓުވުމަށް އެ ޤައުމުގެ ސަލާމަތީ ފައުޖުތަކުން ބާރުގެ ބޭނުންކޮށް ކަރުނަގޭސް ޖަހައި މުޒާހަރާތައް ރޫޅަން ކުރި މަސައްކަތްތައް ކާމިޔާބުވެފައެއް ނުވެއެވެ. އެ މުޒާހަރާތައް ފާހަގަވެފައިވަނީ ވަކި ޕާޓީއަކުން އިސް ނަގައިގެން ކުރިޔަށްގެންދާ ޙަރަކާތަކަށްވުރެ ބޮޑަށް ޢާއްމުންގެ ހިތްހަމަނުޖެހުންތަކުގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުންތަކަކަށްށެވެ. އެ ގޮތުން އެ މުޒާހަރާތަކުގައި އިސްކޮށް ޙަރަކާތްތެރިވަނީ ސިޔާސީވެރިންނަށްވުރެ ޒުވާނުންނެވެ.

22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ގޯސްވެފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ގެއްލުމުގެ ސަބަބުންނާއި ބޭރުގެ ޤައުމުތަކަށާއި މާލީ ވުޒާރާތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާދައްކަން ޖެހުމުންނެވެ. އެއާއެކު އެ ޤައުމުން ތެޔޮ ގަތުމަށް ބޭނުންކުރާނެ ބޭރު ފައިސާ ހުސްވެ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ގިނަ ވަޤުތުތަކަކަށް ކަރަންޓު ކަނޑަންވަނީ މަޖުބުރުވެފައެވެ. ސުރީ ލަންކާއަށް އިޤްތިޞާދީ ނާޒުކު ޙާލަތުން އަރައިގަތުމަށް އެ ޤައުމުން އެންމެ ބޮޑު އެހީތެރިކަމަކަށް އެދިފައިވަނީ އިންޑިޔާއާއި ޗައިނާއިންނެވެ. އެ ގޮތުން އެތައް ބިލިޔަން ޑޮލަރެއްގެ ލޯން ދިނުމަށް ސުރީ ލަންކާއިންވަނީ އިންޑިޔާއާއި ޗައިނާގައި އެދިފައެވެ. އެ ގޮތުން އިންޑިޔާއިންވަނީ ފަހުން ފައިސާދައްކާގޮތަށް އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ކާބޯތަކެއްޗާއި ހަނޑުލާއި ތެލާއި ބޭސް ސުރީ ލަންކާއަށް ފޮނުވުމަށް އެއްބަސްވެފައެވެ.