ޚަބަރު

އެމްޕީއެލް ސަރަޙައްދުގައި ލީކުވީ ކެމިކަލެއް ނޫން: އެމްޕީއެލް


އެމްޕީއެލްގެ މާލޭ ވިޔަފާރި ބަނދަރުގައި މިއަދު ކެމިކަލްއެއް ލީކުވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެމްޕީއެލްއިން ދޮގުކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޕީއެލްއިން ވިދާޅުވީ ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިހުރި ޓައިލްސް ސާފުކުރާ ޕޮލިޝް ހަންތަކަކުން މިއަދު ދުން އަރާފައިވާކަމަށެވެ. އަދި އެގޮތަށް ދިމާވީ އެތަކެތި ކްލިއަރ ނުކޮށް ބަނދަރުމަތީ އަވީގައި ހުރުމުން ހަން ފަޅައިގެން ގޮސްގެން ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

ކެމިކަލް ލީކްވީ ކަމަށް މަޢުލޫމާތު ލިބިގެން އެމްއެންޑީއެފްއިން ބަލާފައިވާކަމަށާއި އެއީ ކެމިކަލް އެއް ނޫންކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. އެމްޕީއެލްއިން ވިދާޅުވީ މިޙާދިސާގައި އެއްވެސް މީހަކަށް އަދި އެހެން މުދަލަކަށްވެސް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.

މިއަދު މެންދުރު ހިނގި މިޙާދިސާގެ ސަބަބުން ފުލުހުންވަނީ އެސަރަޙައްދު ބަންދުކޮށްފައެވެ. އެހެންނަމަވެސް މާގިނައިރުތަކެއް ނުވެ ވަނީ އަލުން ޚިދުމަތް ފަށާފައެވެ.