ޚަބަރު

އިދިކޮޅުން ސަރުކާރާ ގުޅުމަށް ގޮތަބަޔާ ގޮވާލައްވައިފި


ސުރީ ލަންކާއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް އިދިކޮޅު ފަރާތްތަކުން ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ގޮވާލައްވައިފިއެވެ.

ސުރީ ލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ކާފިޔުއެއް ތަންފީޒުކުރި ނަމަވެސް އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ނާޒުކު ޙާލަތާމެދު ރުޅިގަދަވެފައިވާ ޢާއްމުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަން ފެށުމުން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގެ ހުރިހާ ވަޒީރުންވަނީ އިސްތިޢުފާދީފައެވެ. އޭގެ ތެރޭގައި ސުރީ ލަންކާގައި ވެރިކަންކުރާ ރާޖަޕަކްސަ ޢާއިލާއަށް ނިޞްބަތްވެވަޑައިގަންނަވާ ނަމާލް ރާޖަޕަކްސައާއި ޗަމާލް ރާޖަޕަކްސަ ހިމެނިވަޑައިގަންނަވައެވެ.

ސުރީ ލަންކާގެ ޤާނޫނީ ވެރިކަން ދެމެހެއްޓުމަށް އެ ޤައުމުގެ ވަޒީރުންގެ މަޖިލީހަށްވަނީ ހަތަރު ބޭފުޅުން ޢައްޔަންކުރައްވައިފައެވެ. އެ ގޮތުން އެ ޤައުމުގެ މާލީ ވަޒީރުގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ ކުރީގެ ޢަދުލްއިންޞާފާބެހޭ ވަޒީރު ޢަލީ ޞަބްރީއެވެ. އަދި ޚާރިޖީ ވަޒީރުގެ މަޤާމާއި ތަޢުލީމާބެހޭ ވަޒީރުގެ މަޤާމާއި ހައިވޭއާބެހޭ ވަޒީރުގެ މަޤާމަށް ޢައްޔަންކޮށްފައިވަނީ ކުރިންވެސް އެ މަޤާމުތަކުގައި ތިއްބެވި ވަޒީރުންނެވެ.

22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ގޯސްވެފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ގެއްލުމުގެ ސަބަބުންނާއި ބޭރުގެ ޤައުމުތަކަށާއި މާލީ ވުޒާރާތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާދައްކަން ޖެހުމުންނެވެ. އެއާއެކު އެ ޤައުމުން ތެޔޮ ގަތުމަށް ބޭނުންކުރާނެ ބޭރު ފައިސާ ހުސްވެ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ގިނަ ވަޤުތުތަކަކަށް ކަރަންޓު ކަނޑަންވަނީ މަޖުބުރުވެފައެވެ. ސުރީ ލަންކާއަށް އިޤްތިޞާދީ ނާޒުކު ޙާލަތުން އަރައިގަތުމަށް އެ ޤައުމުން އެންމެ ބޮޑު އެހީތެރިކަމަކަށް އެދިފައިވަނީ އިންޑިޔާއާއި ޗައިނާއިންނެވެ. އެ ގޮތުން އެތައް ބިލިޔަން ޑޮލަރެއްގެ ލޯން ދިނުމަށް ސުރީ ލަންކާއިންވަނީ އިންޑިޔާއާއި ޗައިނާގައި އެދިފައެވެ. އެ ގޮތުން އިންޑިޔާއިންވަނީ ފަހުން ފައިސާދައްކާގޮތަށް އެއް ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ކާބޯތަކެއްޗާއި ހަނޑުލާއި ތެލާއި ބޭސް ސުރީ ލަންކާއަށް ފޮނުވުމަށް އެއްބަސްވެފައެވެ.