ކުޅިވަރު

އެވިއާ އާއި އެއާޕޯޓް ރެކްރިއޭޝަނަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއޭއެމް) އިން ކޮންމެ ރަމަޟާން މަހަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކްރިކެޓް ކާނިވަލް އިއްޔެ ފެށިއިރު، ފުރަތަމަ މެޗުތަކުން އެވިއާ މޯލްޑިވްސް އާއި އެއާޕޯޓް ރެކްރިއޭޝަން ޓީމު ކާމިޔާބުކޮށްފިއެވެ.

ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗު މެރީ ކޯނާ އާއި ބައްދަލުކޮށް ހަތް ވިކެޓުން ކާމިޔާބުކުރީ އެވިއާ އެވެ. މެޗުގައި ޓޮސް ދިމާވުމުން މެރީ ކޯނާ އިން ކުޅެންއަރައި އަށް އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 102 ލަނޑެވެ. ޖަވާބުގައި އެވިއާ ކުޅެންއަރައި 6 ވަނަ އޯވަރުގައި 104 ލަނޑުހަދައި މެޗުން މޮޅުވި އެވެ.

އިއްޔެ ކުޅުނު ދެ ވަނަ މެޗުގައި ދިވެހި ސިފައިންގެ ކްލަބާއި ވާދަކޮށް އެއާޕޯޓް ރެކްރިއޭޝަން ކްލަބް މޮޅުވީ ފަސް ވިކެޓުންނެވެ. އެއާޕޯޓް ރެކްރިއޭޝަން ކްލަބަށް ޓޮސް ދިމާވުމުން ނިންމީ ފީލްޑް ކުރުމަށެވެ.

ސިފައިންގެ ކްލަބުން ކުޅެންއަރައި އަށް އޯވަރު ހަމަވިއިރު، ފަސް ކުޅުންތެރިން ނުބައިވެގެން ވަނީ 109 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި އެއާޕޯޓް ރެކްރިއޭޝަން ކްލަބުން ކުޅެންއަރައި 6 އޯވަރުގެތެރޭގައި 110 ލަނޑުހަދައި މެޗުން މޮޅުވެ، ފެށުން ރަނގަޅުކުރި އެވެ.

ރަމަޟާން ކްރިކެޓް ކާނިވަލުގައި ޖުމްލަ ތިން ކެޓަގަރީއެއްގެ މުބާރާތް ކުރިއަށްދާނެ އެވެ. އޯޕަންޓޭޕްބޯލް ކްރިކެޓް، ސަރުކާރު އޮފީސް އަދި ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތެވެ.