ކުޅިވަރު

ޔުވެންޓަސް ބަލިކޮށް އިންޓައިން އުއްމީދު އާކޮށްފި


އިޓާލިއަން ލީގުގައި އެންމެފަހުގެ ޗެމްޕިއަން އިންޓަރ މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗް ކާމިޔާބުކޮށް ތަށި ދިފާއު ކުރުމަށް އިންޓަރއިން ކުރަމުންދާ އުންމީދުތައް އާކޮށްފިއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗް އިންޓަރ ކާމިޔާބު ކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުވެންޓަސް އިންނެވެ. ނަމަވެސް އެޓީމުން މެޗްގައި މޮޅަށް ކުޅުނު ނަމަވެސް އިންޓަރގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މިމެޗްގައި އިންޓަރއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހަކާން ޗަލަނޮގްލުއެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން އިންޓަރގެ ޑެންޒެލް ޑަމްފްރީސްއަށް އެލެކްސް ސަންޑްރޯ ފައުލް ކުރިކަމަށް ވީއޭއާރުން ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. އަދި ޗަލަނޮގްލޫ ފުރަތަމަ ޖެހި ޕެނަލްޓީ ޔޫވޭގެ ކީޕަރ ވޮއިސިއެކް ޝޫޒްނީ ދިފާއު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ޔޫވޭގެ ޑިފެންޑަރު މަތިއަސް ޑި ލިޓް ބޯޅަ ޖެހުމުގެ ކުރިން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެފައިވާތީ އަލުން ޕެނަލްޓީ ޖަހަން ޖެހުނީއެވެ. ދެވަނަ ފަހަރު ޗަލަނޮގްލޫވަނީ ޕެނަލްޓީ ކާމިޔާބުކޮށް އިންޓަރއަށް ލީޑު ނަގާދީފައެވެ. ވިއޭއާރުގެ މިދެނިންމުމަށްވެސް ޔުވެންޓަސް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރިތަން ފެނިގެންދިޔައެވެ.

މިކާމިޔާބީއާއެކު އިންޓަރއަށް މިޙާރުވަނީ 30 މެޗުން ލިބިފައިވާ 63 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ އޭސީ މިލާނާއި ތިން ޕޮއިންޓަށް ގާތް ކުރެވިފައެވެ. އަދި ނާކާމިޔާބީއާއެކު ޔުވެންޓަސް މިހާރު އުޅޭނީ 31 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައެވެ.