ކުޅިވަރު

ސެވިއްޔާ ބަލިކޮށް ބާސެލޯނާ ތާވަލުގެ ދެވަނައަށް


ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ސެވިއްޔާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ތާވަލްގެ ދެވަނައަށް ބާސާ ކުރިއަށް ޖެހިލައިފިއެވެ. ބާސާގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާރސާއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ޖަހާފައިވަނީ ބާސާގެ މެދުތެރެއަށް ކުޅޭ ޒުވާން ކުޅުންތެރިޔާ ޕެޑްރީއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ބާސާއަށް ލިބިގެންދިޔައެވެ.

މި ކާމިޔާބީއާއެކު ބާސާއަށް މިހާރުވަނީ ކުޅުނު 29 މެޗުން ލިބިފައިވާ 57 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ގޯލްގެ ތަފާތުން އަރާފައެވެ. ނަމަވެސް ތާވަލްގެ އެއްވަނައިގާ އުޅޭ ރެއާލް މެޑްރިޑާއި ބާސާ އާއި ދެމެދު 12 ޕޮއިންޓްގެ ފަރަގު އެބަހުއްޓެވެ. ތާވަލްގެ ދެވަނައިގައި އޮވެގެން މެޗް ފެށި ސެވިއްޔާވަނީ މިމެޗުން ބަލިވުމުން ތާވަލްގެ ހަތަރުވަނައަށް ގޯލްގެ ތަފާތުން ވެއްޓިފައެވެ. އެއީ އެންމެފަހުގެ ޗެމްޕިއަން އެޓްލެޓިކޯ މެޑްރިޑްވެސް އެޓީމް ރޭ ކުޅުނު މެޗުން މޮޅުވެފައިވުމުންނެވެ.