ކުޅިވަރު

އެވަޓަން އަތުން ވެސްޓް ހޭމް މޮޅުވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗް ވެސްޓް ހޭމް ކާމިޔާބުކޮށްފިއެވެ. ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއް ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ވެސްޓް ހޭމްއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ އެވަޓަންއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ވެސްޓް ހޭމްއެވެ. މިލަނޑު ލިބުނު ހިލޭޖެހުމުން ކާމިޔާބުކޮށްދިނީ އާރޮން ކްރެސްވެލްއެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މެޗްގެ ދެވަނަ ހާފް އެވަޓަންއިން ފެށީ ވަރަށް އުންމީދީ ކުޅުމަކާއެކުއެވެ. މިގޮތުން ޑޮމިނިކް ކެލްވަރތް ލުވިން ފޮނުވާލި ހަމަލާއެއްވަނީ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ. އަދި މެޗްގެ 53 ވަނަ މިނެޓްގައި މޭސަން ހޯލްގޭޓްވަނީ މެޗްގެ ނަތީޖާ އެވަޓަންއަށް ހަމަހަމަ ކޮށްދިފައެވެ.

ނަމަވެސް އެވަޓަންއަށް މިގޮތުގައި ދެމެހެއްޓެވަރުވީ ފަސް މިނެޓް ވަންދެނެވެ. މެޗްގެ 58 ވަނަ މިނެޓްގައި މިކައިލް އެންޓޯނިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ވެސްޓް ހޭމްއަށް މިމެޗްގައި ދެވަނަ ފަހަރަށް ލީޑު ނަގާދިނީ އަނިޔާ އިން އެނބުރި އައިސް ފުރަތަމަ މެޗް ކުޅެމުންދިޔަ ޖެރޮޑް ބޯވެންއެވެ. އަދި އެވަޓަންއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުންދިޔަ މަސައްކަތަށް އިތުރަށް ހުރަސް އެޅިގެންދިޔައީ މެޗްގެ 65 ވަނަ މިނެޓްގައި މައިކަލް ކީންއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.

މިކާމިޔާބީއާއެކު ވެސްޓް ހޭމްއަށް މިހާރުވަނީ ކުޅުނު 31 މެޗުން ލިބިފައިވާ 51 ޕޮއިންޓާއެކު ތާވަލްގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެވަޓަން އުޅެނީ 28 މެޗުން ލިބިފައިވާ 25 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.