ކުޅިވަރު

ނިއުކާސަލް ބަލިކޮށް ތާވަލުގެ ހަތަރުވަނައަށް ޓޮޓެންހަމް ކުރިއަށް ޖެހިލައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޓޮޓެންހަމް ހޮޓްސްޕަރ އާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރި މެޗް ޓޮޓެންހަމް ކާމިޔާބުކޮށް ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މިމެޗް ޓޮޓެންހަމް ކާމިޔާބުކުރީ ފަހަތުން އަރާ 5-1 ގެ ނަތީޖާއަކުން ނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޓޮޓެންހަމުނެނެވެ. ނަމަވެސް މިމެޗްގެ ފުރަތަލަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ނިއުކާސްލްއިން ނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފަބިއަން ޝާއެވެ. މިމެޗްގައި ޓޮޓެންހަމްގެ ފުރަތަމަ ލަނޑު މެޗްގެ 43 ވަނަ މިނެޓްގައި ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ބެން ޑޭވިސް ޖަހާދިން ލަނޑުންނެވެ. އަދި މިމެޗްގައި ޓޮޓެންހަމަށް ލީޑު ނަގާދިނީ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ތިންވަނަ މިނެޓްގައި މެޓް ޑޮހަރޓީއެވެ. އެޓީމްގެ ތިންވަނަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހާދިނީ ސޮން ހެއުންގ މިން އެވެ. ޓޮޓެންހަމްގެ ހަތަރުވަނަ ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ޖަހާދިނީ އެމަރސަން ރޮޔާލްއެވެ. މިއީ އޭނާ ޓޮޓެންހަމްގެ ޖަރޒީގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި ފަހު ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ސްޓީވެން ބަރގްވިންއެވެ.

މިކާމިޔާބީއާއެކު ޓޮޓެންހަމް މިހާރުވަނީ އެޓީމް ކުޅުނު 30 މެޗުން ލިބިފައިވާ 54 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނަށް ކުރިއަށް ޖެހިލާފައެވެ. އަދި މިއީ އެޓީމް އެންމެފަހުން ކުޅުނު ހަ މެޗްގެ ތެރެއިން މޮޅުވި ފަސްވަނަ މެޗެވެ. ނަމަވެސް ފަސްވަނައަށް މިހާރު ގޯލްގެ ތަފާތުން ވެއްޓިފައިވާ އާސެނަލްއިން ޓޮޓެންހަމްއަށް ވުރެ ދެ މެޗް މަދުން ކުޅެފައިވުމުން ތާވަލްގެ ހަތަރު ވަނައަށް އެރުމުގެ ފުރުސަތު އާސެނަލްއަށް ވަރަށް ބޮޑެވެ. މިމެޗުން ބަލިވުމުން ނިއުކާސްލް މިހާރު މިވަނީ އެންމެފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ. އަދި މިވަގުތު އުޅެނީ 30 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.