ކުޅިވަރު

ފްރެއިބާގާ ދެކޮޅަށް ބަޔާނުން ކުޑައިރުކޮޅަކަށް 12 ކުޅުންތެރިންނާއެކު ކުޅެފި


ޖަރުމަނު ބުންޑަސްލީގާގައި އެންމެފަހުގެ ޗެމްޕިއަން ބަޔޭން މިޔުނިކާއި އެސް ސީ ފްރެއިބަރގް ބައްދަލުކުރިމެޗްގެ ފަހު ކޮޅު ކުޑައިރުކޮޅަކަށް ބަޔޭންއިން 12 ކުޅުންތެރިންްނާއެކު ކުޅެފިއެވެ. މިކަން ދިމާވެފައިވަނީ މެޗް ނިމެން ގާތްވެފައިވަނިކޮށް ހަތަރު މިނެޓަށްވެފައިވަނިކޮށް ބަޔޭންއިން ދެކުޅުންތެރިން ބަދަލު ކުރަން އުޅުމުގެ ތެރޭގައެވެ.

މެޗްގެ 86 ވަނަ މިނެޓްގައި ހިނގި މިހާދިސާގައި ބަޔެންއިން ނިކްލަސް ސުލޭ އާއި މާސެލް ސަބިޓްޒަރ ބަދަލުކުޅުންތެރިންގެ ގޮތުގައި އެރުވިއިރު ދަނޑުން ފައިބާފައިވަނީ ކޮރެންޓިން ޓޮލީސޯއެކަންޏެވެ. ބަޔޭން އިން ބުނާގޮތުގައި އެސިސްޓަންޓް ރެފްރީ ކިންގްލޭ ކޯމަންގެ ނަންބަރުގެ ބަދަލުގައިއަރުވާފައިވަނީ އެހެން ކުޅުންތެރިއެއްގެ ނަންބަރުކަމުން ކޯމަންއަށް ފައިބަން ގޭނގިފައިހުރީކަމަށެވެ. މިކަން ރެފްރީގެ ސަމާލުކަމަށް ގެނެސްފައިވަނީ ފްރެއިބަތގްގެ ބެންޗުންނެވެ. އަދި އެއާއެކު ގިނަ އިރުގަނޑަކަށް މެޗް މެދުކަނޑާލަންޖެހި ގިނަ އޮޅުންތަކެއް އަރައިގެންދިޔައެވެ. މެޗްގެ ރެފްރީ ކްރިސްޓިއަން ޑިންގަރޓް ހާމަކުރިގޮތުގައި މުޅިން އޮޅުން އަރައިގެންދިޔައީ ކަމަށާއި މިކަމާއި މެދު ދެން ގޮތެއް ނިންމާނީ ޖަރުމަނު ފުޓްބޯލް އެސޯސިއޭޝަންއިންނެވެ. ގަވައިދު ބުނާގޮތުން މިމެޗްގެ ނަތީޖާ ބަދަލު ކުރުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް މިކަން ވާނީ ފްރެއިބަރގްއިން އެކަން ލިޔުމުން ފުޓްބޯލް އެސޯސިއޭޝަނަށް ހުށަހެޅުމުންނެވެ. ނަމަވެސް ފްރެއިބަރގްގެ ކޯޗު ހާމަކުރިގޮތުގައި މިކަމުގައި އެކްލަބުން ލިޔުމުން އެޕީލް ކުރަން ނުޖެހޭނެކަމަށް އުންމީދު ކުރާ ކަމަށެެވެ.

ފްރެއިބަރގްގެ ދަނޑުގައި ކުޅުނު މިމެޗް 4 ލަނޑު އެއްލަނޑުން ކާމިޔާބުކުރީ ބަޔޭންއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ޖަހާދިނީ ލިއޮން ގޮރެޓްޒްކާއެވެ. މިއީ އޭނާ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހަތަރު މަސް ހުރުމަށްފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ. ނަމަވެސް މިލަނޑު ޖެހިތާ ފަސް މިނެޓްފަހުން ފްރެއިބަރގްގެ ބަދަލުކުޅުންތެރިޔާ ނިލްސް ޕެޓަރސަންވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗްގައި ބަޔޭންއަށް ދެވަނަ ފަހަރަށް ލީޑު ނަގާދިނީ މެޗްގެ 73 ވަނަ މިނެޓްގައި ސަރޖީ ގިނެބްރީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އެޓީމްގެ ހަތަރުވަނަ ލަނޑު 82 ވަނަ މިނެޓްގައި ކޯމަން ކާމިޔާބު ކޮށްދިން އިރު ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގެ 6 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ސަބިޓްޒަރއެޗެ.

ޖެހިޖެހިގެން 10 ވަނަ ބުންޑަސްލީގާ ތަށި ހޯދުމަށް މަސައްކަތް ކުރަމުންދާ ބަޔޭންއަށް މިކާމިޔާބީއާއެކު 28 މެޗުން މިވަނީ 66 ޕޮއިންޓް ލިބިގެން ގޮސްފައެވެ. އަދި ބާކީ ހަ މެޗް ކޮންމެ ޓީމަކަށް އޮތް އިރު ދެވަނައިގާ އުޅޭ ބޮރުޝިއާ ޑޯޓްމުންޑް އާއި ދެމެދު 9 ޕޮއިންޓްގެ ފަރަގެއް އެބަހުއްޓެވެ. އަދި ފްރެއިބަރގް އުޅޭނީ 45 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ.