ކުޅިވަރު

ބާންލީ އަތުން މޮޅުވެ ސިޓީން އެއްވަނަ މަގާމު ދިފާއުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ބަރންލީ ބައްދަލުކުރިމެޗް ސިޓީއިން ކާމިޔާބުކޮށް ތާވަލްގެ އެއްވަނަ މަގާމް ދިފާއުކޮށްފިއެވެ. ބަރންލީގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީއިން ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ސިޓީއިން ވަރަށް ބޮޑަށް ޑޮމިނޭޓް ކޮށްގެން ކުޅުނު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިމެޗް ފެށުމުގެ ކުރިން ތާވަލްގެ އެއްވަނައަށް ވާދަ ކުރަމުންދާ ލިވަޕޫލްއިން އެޓީމްގެ މެޗް ކާމިޔާބުކޮށްފައިވުމުން މިމެޗުން މޮޅުވުން ސިޓީއަށް އޮތީ މަޖްބޫރުވެފައެވެ. އަދި އެޓީމްގެ ފެށުން އައީ ވަރަށް ރަނގަޅަށެވެ. މިގޮތުން މެޗްގެ ފަސްވަނަ މިނެޓްގައި ރަހީމް ސްޓަރލީން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކެވިން ޑި ބްރުއިނަރވަނީ ސިޓީއަށް މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 25 ވަނަ މިނެޓްގައި ސްޓަރލިންގ ތަނަވަސްކޮށްދިން ދެވަނަ ފުރުސަތުގައި ސިޓީގެ ލީޑު ފުޅާކޮށްދިނީ އިލްކައި ގުންޑޮގާންއެވެ. މިލަނޑާއެކު މިމެޗްގައި އިތުރު ލަނޑު ތަކެއް ފެނިގެންދާނެ ކަމަށް ބެލެވުނު ނަމަވެސް ސިޓީއަށް ބަރންލީގެ ގޯލް އިތުރަށް ފޫއަޅުވާލެވޭގޮތެއްނުވިއެވެ. އަދި ފުރަތަމަ ހާފާއި ހިލާފަށް ބަރންލީގެ ކުޅުން ރަނގަޅުވިތަންވެސް ފެނިގެންދިޔައެވެ. އަދި ދެވަނަ ހާފްގައި ކޮންމެވެސް ވަރަކަށް ސިޓީގެ ގޯލަށް ނުރައްކާވެސް ކޮށްފައިވެއެވެ.

މިކާމިޔާބީއާއެކު ސިޓީއަށް މިހާރުވަނީ ކުޅުނު 30 މެޗުން 73 ޕޮއިންޓް ލިބި ތާވަލްގެ އެއްވަނަ މަގާމަށް އަލުން އަރާފައެވެ. ދެވަނައިގާ އުޅޭ ލިވަޕޫލަށް ލިބިފައިވަނީ 72 ޕޮއިންޓެވެ. އަދި މިއަންނަ ހަފްތާގެ އާދިއްތަ ދުވަހު ސިޓީގެ ދަނޑުގައި ލިވަޕޫލާއި ބައްދަލުކުރުމަށް ހަމަޖެހިފައި އޮތުމުން ތާވަލްގެ އެއްވަނަ ބުރަވެގެންދާނީ ކޮންކޮޅަކަށް ކަމެއް އެމެޗަށްފަހު އެނގިގެންދާނެއެވެ. ރޭގެމެޗުން ބަލިވުމާއެކު ބަރންލީ އުޅެނީ 28 މެޗުން ލިބިފައިވާ 21 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.