ކުޅިވަރު

އޭއެފްސީ ކަޕަށް ވެލެންސިއާއިން ފަރިތަކުރުންތައް ފަށައިފި


އޭއެފްސީ ކަޕުގެ ޕްލޭ އޮފްގައި ބޫޓާންގެ ޕާރޯ އެފްސީ އާއި ދެކޮޅަށް ކުޅެން ޖެހޭ މެޗުގެ ކުރިން ވެލެންސިއާއިން ފަރިތަކުރުންތައް ފަށައިފިއެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އަތުން ބަލިވި މެޗަށްފަހު މިދިޔަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ވެލެންސިއާއިން ބްރޭކެއް ނެގީ ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދާނެ ކަމަށް ބަލާފައެވެ. އެކަމަކު މާލީ މައްސަލަތައް ޓީމުގައި ހުރިކަމުގެ އަޑުތައް މީޑިއާއަށް ވަނީ ތިލަވެފައެވެ. އަދި ބައެއް ކުޅުންތެރިންވެސް ނުސީދާ ގޮތަކަށް މުސާރައިގެ ވާހަކަ ދައްކާފައިވެއެވެ.

އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ވެލެންސިއާއިން ފަރިތަކުރުންތައް ފަށާފައިވަނީ ގައުމީ ފުޓުބޯޅަ ދަނޑުގައެވެ.

އަންނަ އަންގާރަ ދުވަހު ވެލެންސިއާއިން ބޫޓާންގެ ޕާރޯ އެފްސީ އާއި ދެކޮޅަށް ނުކުންނައިރު ޓީމުގައި އަނިޔާގެ ކަންކަން ބޮޑެވެ. އެގޮތުން ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ފަރިތަކުރުންތަކަށް ނުކުތް ނަމަވެސް މި މެޗަށް ފިޓެއް ނުވާނެއެވެ. ވެލެންސިއާގެ މިސްރު މިޑްފިލްޑަރު ހަލީލް ޖަމާލް ފަޔަށް ލިބިފައިވާ އަނިޔާގެ ސީރިއަސްކަން ދެނެގަންނަން އިތުރު އެމްއާރްއައި އެއް ހަދަން ޖެހިފައިވާއިރު ހުނަރުވެރި މިޑްފިލްޑަރު އިސްމާއީލް އީސަ (މެސީ) އަންނަނީ އަނިޔާއިން ރިކަވާވާން ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

ޕާރޯ އެފްސީ އާއި ދެކޮޅަށް ވެލެންސިއާއިން ނުކުންނައިރު އެ ޓީމުގެ އެއް ނަމްބަރު ކީޕަރު މުޙައްމަދު ފައިސަލް އަމިއްލަ މައްސަލައެއްގައި ހުރީ ޓީމާއި ދުރުގައެވެ.

އަންނަ އަންގާރަ ދުވަހު ބޫޓާންގެ ޕާރޯ އަތުން މޮޅުވެއްޖެނަމަ، ކޮލިފައިން ދެ ވަނަ މެޗުގައި ކުޅެން ޖެހޭނީ މި މަހު 12 ވަނަ ދުވަހު ބަންގްލަދޭޝްގައި އެ ގައުމުގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަބަހާނީ އަތުން މޮޅުވެއްޖެނަމަ ދެން، އިންޑިއާގައި މި މަހު 19 ވަނަ ދުވަހު ކުޅެން ޖެހޭނީ އޭޓީކޭ މޯހަން ބަގާންއާއެވެ.