ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓެރަންސް ފުޓުބޯޅަ މުބާރާތް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މި އަހަރު ބާއްވަން ނިންމައިފިއެވެ. 
މިދިޔަ ތިން އަހަރު މި މުބާރާތް ނުބޭއްވުނީ ކޮވިޑުގެ ހާލަތުގެ ސަބަބުންނެވެ. މިއަހަރު އަލުން މި މުބާރާތް ބާއްވާނީ "އެފްއޭއެމް ވެޓްރަންސް ލީގު"ގެ ނަމުގައެވެ. 
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ގުޅިގެން މިއަހަރުގެ މުބާރާތް އިންތިޒާމް ކުރާނީ ކުލަބް އިވެންޓްސް އިންނެވެ.
ކުލަބް އިވެންޓްސްއިން ނެރުނު މުބާރާތުގެ ޝެޑިއުލަށް ބަލާއިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމެއް ވަނީ ބައިވެރިވެފައެވެ. 
މުބާރާތް ކުރިއަށް ދާނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ. 
މި މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ހަވީރު ކުޅޭނީ ކުލަބް ގްރީން ސްޓްރީޓްސް އާއި ހުޅުމާލޭ ވެޓްރަންސް ކުލަބެވެ. 
މި ދެ ޓީމުގެ އިތުރުން މި މުބާރާތުގައި ދެން ވާދަކުރާ ފަސް ޓީމަކީ ދިވެހި ސިފައިންގެ ކުލަބް، ކުލަބް އީގަލްސް، ޕޮލިސް ކުލަބް އަދި އެމްއެސް މޭޓްސްއެވެ. 
މިފަހަރުގެ މުބާރާތުގެ ގަވާއިދު ބުނާ ގޮތުން ކޮންމެ ޓީމު ލިސްޓެއްގައި ވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިއަކު ހިމެނޭނެއެވެ. އަދި ބާކީ ކުޅުންތެރިން ވާން ޖެހޭނީ 40 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ. މީގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން ނިމިދިޔަ މުއްދަތުގައި އެފްއޭއެމުން ބޭއްވި ރަސްމީ އެއްވެސް މުބާރާތެއް ކުޅުނު ކުޅުންތެރިއަކަށް މި މުބާރާތުގައި ނުކުޅެވޭނެއެވެ. 
ވެޓެރަންސް މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެލެންސިއާއެވެ. އެޓީމުން ވަނީ މި މުބާރާތް ފަސް ފަހަރު ކާމިޔާބު ކޮށްފައެވެ. ދެން އެންމެ ގިނަ ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ ނިއު ރޭޑިއަންޓެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. 
މި ތިން ޓީމުވެސް މިއަހަރުގެ މުބާރާތުގައި ފެނިގެނެއް ނުދާނެއެވެ.