ޚަބަރު

ކޮލޮންބޯގައި އިޢުލާންކުރި ކާފިޔު އުވާލައިފި


ސުރީ ލަންކާގެ ވެރިރަށް ކޮލޮންބޯގައި އިޢުލާންކުރި ކާފިޔު އުވާލައިފިއެވެ.

ސުރީ ލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ ނާޒުކު ޙާލަތު ޙައްލުކުރެއްވުމަށް އެ ޤައުމުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅުއްވައިކަމަށް ތުޙްމަތުކޮށް އެތައް ސަތޭކަ ބަޔަކުވަނީ އޭނާ ދިރިއުޅުއްވައި ގެކޮޅު ކައިރިއަށް އެއްވެ އަޑުއުފުލައިފައެވެ. އެއްވުމުގެ ބައިވެރިންވަނީ ފުލުހުންނާއި ކުރިމަތިލައި ފުލުހުންގެ އުޅަނދުތަކުގައި ހުޅުޖަހައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފައެވެ. އެއާއެކު އަމަން ބެލެހެއްޓުމަށް ބަރުހަތިޔާރާއެކު ސިފައިންވަނީ ކޮލޮންބޯގެ މަގުތަކުގައި ޙަރަކާތްތެރިވެފައެވެ. އަދި ގިނަ ގަޑިއިރުތަކެއްވަންދެން ކޮލޮންބޯގެ އެކި ސަރަޙައްދުތަކުގައި ކާފިޔުއެއް އިޢުލާންކޮށް ބާރުގެ ބޭނުންކޮށްގެން މުޒާހަރާވަނީ ރޫޅާލައިފައެވެ.

22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ގޯސްވެފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ލިބުނު ގެއްލުމުގެ ސަބަބުންނާއި ބޭރުގެ ޤައުމުތަކަށާއި މާލީ ވުޒާރާތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާދައްކަން ޖެހުމުންނެވެ. އެއާއެކު އެ ޤައުމުން ތެޔޮ ގަތުމަށް ބޭނުންކުރާނެ ބޭރު ފައިސާ ހުސްވެ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ގިނަ ވަޤުތުތަކަކަށް ކަރަންޓު ކަނޑަންވަނީ ފަށައިފައެވެ. މައްސަލަ އިތުރަށް ގޯސްވީ ތަކެތީގެ އަގު އިންތިހާއަށް އުފުލި ދުވާލަކު 13 ގަޑިއިރަށް ކަރަންޓު ކަނޑަން ޖެހުނު ހިސާބުންނެވެ. ދުވާލުގެ ގިނަ ވަޤުތުތަކުގައި ކަރަންޓު ކަނޑަން ޖެހުނު މައިގަނޑު ސަބަބަކީ ސުރީ ލަންކާއިން ގަނެފައިވާ 37،000 ޓަނުގެ ޑީސަލަށް ދައްކަން ޖެހޭ 52 މިލިޔަން އެމެރިކާ ޑޮލަރު ދެއްކޭނެ ގޮތް ނުވުމުންނެވެ. އެ ޤައުމުންވަނީ އިންޓަނޭޝަލް މަނިޓަރީ ފަންޑު، އައިއެމުއެފުގެ މާލީ އެހީތެރިކަމަށްވެސް އެދިފައެވެ. މީގެ ކުރިން އެ ޤައުމުންވަނީ 16 ފަހަރެއްގެ މަތިން އައިއެމުއެފުގެ މާލީ އެހީތެރިކަން ހޯދައިފައެވެ.