ކުޅިވަރު

ރޭންކިންގައި ކުރިއެރުން ހޯދި ހަމައެކަނި ގައުމަކަށް ރާއްޖެ


ފީފާއިން ނެރުނު ރޭންކިންގައި ދެކުނު އޭޝިޔާއިން ކުރިއެރުން ހޯދި ހަމައެކަނި ގައުމަކަށް ރާއްޖެވެއްޖެއެވެ.

ރާއްޖޭގެ ގައުމީ ޓީމު ވެސް ވަނީ ބަންގްލަދޭޝްއާ ކުޅުނު ރަހުމަތްތެރިކަމުގެ މެޗު ކާމިޔާބުކޮށްގެން، ރޭންކިންގައި އެއް ދަރަޖައިގެ ކުރިއެރުމަކާ އެކު 156 ވަނައަށް ޖެހިލައިފަ އެވެ. ދެކުނު އޭޝިއާ ބައްރުގެ ވަރުގަދަ އިންޑިއާ މިދިޔަ މަހު ކުޅުނު ރަހުމަތްތެރިކަމުގެ ދެ މެޗުން ވެސް ބަލިވެ، ދެ ދަރަޖައިގެ ވެއްޓުމަކާ އެކު އޮތީ 106 ވަނައިގަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ރޭންކިންގައި ރާއްޖެއަށް ފަހު އޮތީ، އެއް ދަރަޖައިގެ ވެއްޓުމަކާ އެކު 168 ވަނައިގައި އޮތް ނޭޕާލެވެ. މަގާމު ބަދަލު ނުވެ ޕާކިސްތާން 197 ވަނައިގައި އޮތްއިރު މި ސަރަހައްދުގެ ފުލުގައި އޮތީ، އެއް ދަރަޖައިގެ ވެއްޓުމަކާ އެކު 205 ވަނައިގައި އޮތް ސްރީ ލަންކާ އެވެ.

ރާއްޖެ އަތުން ބަލިވި ބަންގްލަދޭޝް ދެ ދަރަޖައިގެ ވެއްޓުމަކާ އެކު އޮތީ 188 ވަނައިގަ އެވެ. ބަންގްލަދޭޝްގެ ކުރިޔަށް 187 ވަނައިގައި އޮތް ބޫޓާން ވެސް ވަނީ ދެ ދަރަޖަ ވެއްޓިފަ އެވެ.