ޚަބަރު

ޤައުމީ މަސްލަހަތަށްޓަކައި ތޫނީސިޔާގެ ޤާނޫނުހަދާ މަޖިލިސް އުވާލައިފި


ޤައުމީ މަސްލަހަތަށްޓަކައި ތޫނީސިޔާގެ ޤާނޫނުހަދާ މަޖިލިސް އުވާލައިފިއެވެ.

ޓީވީ މެދުވެރިކޮށް ޤައުމާ މުޙާތަބުކުރައްވަމުން ތޫނީސިޔާގެ ރައީސް ޤައީސް ސަޢީދު ވިދާޅުވީ ޤާނޫނުހަދާ މަޖިލިސް އުވާލައްވަން ނިންމެވީ ދަޢުލަތުގެ ވުޒާރާތަކާއި ރައްޔިތުންގެ މަސްލަހަތު ޙިމާޔަތްކުރެއްވުމަށްކަމަށެވެ. އޭނާ އެ ނިންމުން އިޢުލާންކުރެއްވީ ތޫނީސިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައި ޤާނޫނުހަދާ މަޖިލިސްކުރާގެ ބަންދުކޮށްފައިވާ ދަނޑިވަޅެއްގައި ބައެއް ޤާނޫނުހަދާ މަޖިލިސް މެންބަރުން ވީޑިޔޯ މެދުވެރިކޮށް ޖަލްސާއެއް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ. އެއާއެކު އެ މެންނަރުންގެ ޢަމަލުތަކުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާތެފައިވާކަމަށް ބުނެ ތޫނީސިޔާގެ ސަރުކާރުންވަނީ ޖިނާޢީ ތަޙްޤީޤެއްކުރަން ނިންމައިފައެވެ. އެއީ ޤައުމަށް ޤައްދާރުވެ އެ މެންބަރުން ހިންގި ބަޣާވާތުގެ ޢަމަލެކަމަށް ތޫނީސިޔާގެ ސަރުކާރުންވަނީ ތުޙްމަތުކޮށްފައެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ބޮޑުވަޒީރު ހާޝިމު މަޝީޝީއާ ޖެހިވަޑައިގަތް މައްސަލަތަކެއްގައި ޤައީސްވަނީ އެ ޤައުމުގެ ސަރުކާރު އުވާލައްވައި ބޮޑުވަޒިރުގެ މަޤާމަށް އެއްވެސް ސިޔާސީ ތަޖުރިބާއެއް ނެތް ބޭފުޅަކު ޢައްޔަންކުރައްވައިފައެވެ. އަދި ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ޢަމުރުކުރައްވައި ޤައީސްގެ ބާރުގެ ދަށަށް އެ ޤައުމުގެ ކޯޓުތަކާއި ފަނޑިޔާރުންވަނީ ގެނެސްފައެވެ، އެ ނިންމެވުންތަކަކީ ވެރިކަމުގެ ބާރުތައް އެއްކުރައްވައި ތޫނީސިޔާގައި ޚުދުމުހުތާރު ވެރިކަމެއް ޤާއިމުކުރެއްވުމަށް ޤައީސްކުރައްވައި މަސައްކަތްޕުޅެއްކަމަށް ބުނެ ޢާއްމުންވަނީ ވަރުގަދަ މުޒާހަރާތަކެއްކޮށްފައެވެ.

ތޫނީސިޔާގެ ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ޤައީސްވަނީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުކަން ފުރުއްވައިފައެވެ. އަދި އޭނާއަކީ ފަނޑިޔާރެއްގެ ފިރިކަލުންނެވެ. 2019ވަނަ އަހަރުގެ ތެރޭގައި އޭނާ ވެރިކަމަށް ވަޑައިގެންފައިވަނީ ޚިޔާނާތާއި ފަސާދައާ ދެކޮޅަށް މަސައްކަތްކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންނެވުމަށްފަހުއެވެ.