ޚަބަރު

ޔޫކްރެއިނުގެ ހަނގުރާމައަށް ބޮޑެތި ބަދަލުތަކެއް


ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ފުރަތަމަ މަރުޙަލާ ވަރަށް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން އިޢުލާންކޮށްފިއެވެ.

ފަސް ހަފުތާއަށް ދިގުދެމިގެން ގޮސްފައިވާ ހަނގުރާމައާ ގުޅޭގޮތުން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ޔޫކްރެއިނުގެ އުތުރުގައި ޙަރަކާތްތެރިވަމުންދާ ފައުޖުތައް ފަހަތަށް ޖެހި އަލުން ޖަމާވަމުންދާކަމަށެވެ. އެ ގޮތުން ރަޝިޔާގެ ފައުޖުތަކުން މަސައްކަތްކުރަނީ ޔޫކްރެއިނުގެ އުތުރުގައި އޮންނަ އެ ޤައުމުގެ ވެރިރަށް ކިޔޭވުފަދަ އާބާދީ ބޮޑެތި ސަރަޙައްދުތަކަށް ވަދެގަތުމުގެ ބަދަލުގައި އެ ސަރަހައްދުތައް ވަށާލައި އަސްކަރީގޮތުން ކާމިޔާބު ހޯދުންކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ. އަދި ހަނގުރާމާގައި އެންމެ ބޮޑު އިސްކަމެއް ދެން ދޭނީ ޔޫކްރެއިނުގެ އުތުރުގައި އޮންނަ ދޮންބާސްގެ ދެ ދަޢުލަތްކަމަށްވާ ދޮންޔެސްކާއި ލުހާންސްކު މިނިވަންކުރުމަށްކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އެ ގޮތުން ދޮންޔެސްކުގެ %54އާއި ލުހާންސްކުގެ %93 އޮތީ އެ ސަރަޙައްދުގެ މިނިވަންކަމަށް ހަނގުރާމަކުރަމުންދާ ޖަމާޢަތްތަކުގެ ބާރުގެ ދަށުގައިކަމަށާއި އެ ސަރަޙައްދުތަކަށް ޙަމަލާދެމުންދާ ޔޫކްރެއިނުގެ ފައުޖުތަކާ ދެކޮޅަށް ރަޝިޔާގެ އަސްކަރިއްޔާއިން ރައްދުގައި ޙަމަލާދޭނެކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.

ޔޫކްރެއިނުގެ އުތުރުގައި ޙަރަކާތްތެރިވަމުންދާ ރަޝިޔާގެ ފައުޖުތަކުން ފަހަތަށް ޖެހެމުންދާކަން އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް ޖާގަދިނުމުގެ ގޮތުން އެ ސަރަހައްދުތަކަށް ދެމުންދާ ޙަމަލާތައް މަދުކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިން ބުނެފައިވަނީ ރަޝިޔާއިން މަޝްވަރާކުރަނީ ހެޔޮ ނިޔަތެއްގައިކަން ޤަބޫލުކުރަން ދަތިކަމަށާއި ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގައި ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ބަދަލުނުގެންނަކަމަށް ނޭޓޯއިންވަނީ ފާހަގަކޮށްފައެވެ. އަދި ރަޝިޔާގެ ފައުޖުތައް ފަހަތަށް ޖެހި އަލުން ޖަމާވުމަށްފަހު އިތުރު ހަތިޔާރާއި ސިފައިން ބޭނުންކޮށްގެން ޔޫކްރެއިނުގެ އުތުރަށް ދެމުންދާ ޙަމަލާތައް ވަރުގަދަކުރުމުގެ ފުރުޞަތު އޮތްކަމަށްވެސް ނޭޓޯއިންވަނީ ބުނެފައެވެ. ރަޝިޔާގެ ޙަމަލާތަކުން ދިފާޢުވުމަށް ޔޫކްރެއިނުން ބޭނުންވާ ހަތިޔާރު ކިތަންމެ ދިގު މުއްދަތަކަށް ދޭން ޖެހުނު ނަމަވެސް އެ ކަންކުރާނެކަމުގެ ޔަޤީންކަން ނޭޓޯއިންވަނީ ދީފައެވެ.