ކުޅިވަރު

ވިމެންސް ޗެމްޕިއަންސް ލީގު: ސެމީ ފައިނަލުން ޕީއެސްޖީ ޖާގަހޯދައިފި


ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޕެރިސް ސެއިންޓް ޖަރމެއިން (ޕީއެސްޖީ) ފެމިނީންސް ޖާގަހޯދައިފިއެވެ.

މި މުބާރާތުގެ ސެމީފައިނަލުން ޕީއެސްޖީ ޖާގަހޯދީ ކުއާޓާ ފައިނަލުގައި އެފްސީ ބަޔާން މިޔުނިކް ލޭޑީޒް އާއި ބައްދަލުކޮށް 4-3ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި ދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕީއެސްޖީއެވެ. އަދި ރޭ ކުޅުނު ދެވަނަ ލެގުގެ ފުރިހަމަ ވަގުތު 2-1 ގެނަތީޖާއަކުން ކުރިހޯދީ ބަޔާންއެވެ. އެހެންކަމުން ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ދެހާފް ކުޅެގެންނެވެ. އިތުރު ވަގުތުގައި ޕީއެސްޖީއިން ޖެހި ލަނޑާއެކު އެޓީމަށް ދެލެގަށް ބަލާއިރު އެއްލަނޑުގެ ލީޑެއް ލިބިގެންދިޔައެވެ.

ދެޓީމުގެ ފަރާތުން ވަދަވެރި ކުޅުމެއް ފެނިގެންދިޔަ ދެވަނަ ލެގުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޕީއެސްޖީއިންނެވެ. މިލަނޑު އެޓީމަށް 17 ވަނަ މިނެޓުގައި ޖަހާދިނީ ސޭންޑީ ބޯލްޓިމޯއެވެ. ނަމަވެސް މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ބަޔާންއިންވަނީ މެޗުގެނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ސާކީ ކުމަގާއިއެވެ. އަދި މިމެޗްގައި ބަޔާންއަށް ލީޑު ނަގާދިނީ މެޗުގެ 54 ވަނަ މިނެޓްގައި ކްލާރާ ބާލް ޖެހި ބޯޅައެއް އެޓީމުގެ ލިއާ ޝޫލަރ ގައިގާ ޖެހިފާ ގޯލަން ވަން ބޯޅައިންނެވެ.

މި ނަތީޖާގައި އޮވެގެން ފުރިހަމަ ވަގުތު ހަމަވުމުން 3-3ގެ އެގްރިގޭޓް ނަތީޖާއަކުން އެއްވަރުވެފައިވާތީ ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތުގެ ދެހާފް ކުޅުނެވެ. އެގޮތުން އިތުރު ވަގުތުގައި ޕީއެސްޖީ މޮޅުވި ލަނޑު މެޗުގެ 112 ވަނަ މިނެޓުގައި ޖަހާދިނީ ރަމޯނާ ބާޗްމަންއެވެ.

މިކާމިޔާބީއާއެކު މިމުބާރާތުގެ ސެމީފައިނަލުން ޕީއެސްޖީއަށް ޖާގަލިބިފައިވާއިރު ސެމީފައިނަލްގައި އެޓީމު ބައްދަލުކުރަން ޖެހޭނީ ލިޔޯން އާއި ޔުވެންޓަސް ބައްދަލުކުރާ މެޗުން ކުރިހޯދާ ޓީމަކާއެވެ.