ކުޅިވަރު

ވިމެންސް ޗެމްޕިއަންސް ލީގު: ސެމީ ފައިނަލަށް ބާސާ ދަތުރުކޮށްފި


ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ބާސެލޯނާ ފެމިނީނޯ ޖާގަހޯދައިފިއެވެ.

މި މުބާރާތުގެ ސެމީފައިނަލުން ބާސާ ޖާގަހޯދީ ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑް ފެމިނީނޯ އާއި ބައްދަލުކޮށް 8-3 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި ދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސާއެވެ. އަދި ރޭ ކުޅުނު ދެވަނަ ލެގުގައި އަމިއްލަ ދަނޑު ކަމުގައިވާ ނޮއު ކޭމްޕްގައި ކުޅެ ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ވެގެން ދިޔައީ ވަރަށް ހާއްސަ ތާރީހީ މެޗަކަށެވެ. މި ދެ ކުލަބްގެ މެދުގައި ޒަމާނުންސުރެ އޮންނަ ވާދަވެރިކަމުގެ ސަބަބުންނާއެކު މިމެޗު ބަލާލުމަށް 90،000 ހާސްއަށްވުރެ ގިނަ ސަޕޯޓަރުން ކުޅިބަލަން ވަދެފައިވެއެވެ. މިއީ އަންހެނުންގެ ފުޓްބޯޅައިގެ ރިކޯޑެކެވެ. މިރިކޯޑް ކުރިން އޮތީ 1999 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލްގައި އެމެރިކާ އާއި ޗައިނާ ބައްދަލުކުރިމެޗުގައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ދެވަނަ ލެގުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 8 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ މާރިއާ ޕިލަރ ލިއޯންއެވެ. ނަމަވެސް މިލަނޑު ބާސާއިން ކާމިޔާބުކުރިތާ އަށް މިނެޓުފަހުން ރެއާލްއަށް ލިބުނު ޕެނަލްޓީއަކުން އެޓީމް މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮލްގާ ކާމޯނާއެވެ. އަދި މެޗުގެ 48 ވަނަ މިނެޓްގައި ކްލައުޑިއާ ޒޯނަޒާ ޖަހާދިން ލަނޑާއެކު މިމެޗުގައި ރެއާލްއިން ލީޑުނެގިއެވެ. ނަމަވެސް ބާސާގެ އައިޓާނާ ބޮންމަޓީ 52 ވަނަ މިނެޓްގައި ޖަހާދިން ލަނޑާއެކު މެޗުގެ ނަތީޖާ ހަމަވެގެންދިޔައެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ކްލައުޑިއާ ޕިނާ ޖަހާދިން ލަނޑާއެކު މިމެޗުގައި އަނެއްކާވެސް ބާސާއިން ލީޑުނެގިއެވެ. އެޓީމްގެ ހަތަރުވަނަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި އެލެކްސިއާ ޕުޓެޔާސް ކާމިޔާބުކޮށްދިންއިރު ފަހު ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހާދިނީ ކެރޮލީން ގްރަހަމް ހެންސަންއެވެ.

މިކާމިޔާބީއާއެކު މިމުބާރާތުގެ ސެމީފައިނަލުން ބާސާ ޖާގަލިބިފައިވާއިރު ސެމީފައިނަލްގައި އެޓީމް ބައްދަލުކުރަން ޖެހޭނީ އާސެނަލް އާއި ވުލްފްސްބަރގް ބައްދަލުކުރާ މެޗުން ކުރިހޯދާ ޓީމަކާއެވެ.