ކުޅިވަރު

ޕާކް ވޮލީ މުބާރާތުގައި 26 ޓީމު ބައިވެރިވެއްޖެ


ކުރިއަށް އޮތް ރޯދަ މަހުގައި މާލޭ ސިޓީ ކައުންސިލުން ބާއްވަން ނިންމާފައިވާ ޕާކް ވޮލީ މުބާރާތުގައި 26 ޓީމުން ބައިވެރިވެފައިވާ ކަމަށް މާލޭ ސޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، ޖުމްލަ 26 ޓީމަކުން ބައިވެރިވެފައިވާ ކަމަށާއި، އެއީ ފިރިހެން 14 ޓީމަކާއި އަންހެން 12 ޓީމުން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މިހާރު ތާވަލު ކުރެވިފައިވާ ގޮތުންނަމަ މި މުބާރާތް ފަށަން ނިންމާފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގައި ކަމަށެވެ. އެކަމަކު އެ ތާރީޚު ފައިނަލް ނުވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މީގެ ކުރިން އެޗްޑީސީން ވަނީ ދެ ފަަހަރެއްގެ މަތިން ޕާކް ވޮލީ މުބާރާތް ބާއްވައިފަ އެވެ. މި ފަހަރު މާލެ ސިޓީ ކައުންސިލުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އާ ގުޅިގެން މި ބާއްވާ ޕާކް ވޮލީ މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ޕާކް ވޮލީ މުބާރާތެވެ.

އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު، ކޮންމެ ޑިވިޝަނެއްގެ ގަދަ ފަސް ޓީމު ހޮވާ ގޮތަށް ވަނީ ނިންމައިފަ އެވެ. ކޮންމެ ޑިވިޝަނެއްގެ އެއްް ވަނަ ޓީމަށް 45،000 ރުފިޔާ ދޭ ގޮތަށް ނިންމާފައިވާއިރު، ދެ ވަނަ ޓީމަށް 25،000 ރުފިޔާ ދޭނެ އެވެ. ތިން ވަނަ އަށް 15،000 ރުފިޔާ ދޭއިރު، ހަތަރު ވަނަ ޓީމަށް 10،000 ރުފިޔާ ދޭނެ އެވެ. އަދި ފަސް ވަނަ ހޯދާ ޓީމަކަށް 5000 ރުފިޔާ ދޭނެ އެވެ. މީގެއިން ކޮންމެ ވަނަ އަކަށް ފައިސާގެ އިނާމާއި ސެޓްފިކެޓެއް ދޭނެ އެވެ. ޓްރޮފީ ދޭނީ ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް އެކަންޏެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެފައިވާ ކްލަބް/ޖަމިއްޔާތަކަށެވެ.