ކުޅިވަރު

ގާފަރު ބަލިކޮށް ތިމަރަފުށިން ތަށި ދިފާއުކޮށްފި


ރާއްޖޭގައި ބާއްވާ ފުޓްސަލްގެ އެންމެ ބޮޑު މުބާރާތްކަމަށްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ގާފަރު ބަލިކޮށް ތިމަރަފުށިން ތަށި ދިފާއުކޮށްފިއެވެ.

ބުދަ ދުވަހުގެރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. ޕެނަލްޓީގައި ތިމަރަފުށިން ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެކަމަކު ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން އާއި ގާފަރުގެ ކީޕަރު ފައްޔާޒް ފަޔާޒް (ފައިއްޓެ)ގެ ފަރާތުން މޮޅު ސޭވްތަކެއް ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ތިމަރަފުށިން ވަނީ ދެ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ތިމަރަފުށިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ ގާފަރުގެ ކީޕަރު ފައިއްޓެ އަތުން ޖައްސާލި ބޯޅައެއް އެ ޓީމުގެ އަލީ މާއިޝް (މައްޓު) ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ތިމަރަފުށީގެ ދެވަނަ ލަނޑަކީ ކައުންޓާ އެޓޭކެއްގައި އާދަމް ނާސިޙް (އާދަންނަ) ކާމިޔާބުކޮށްދިން ލަނޑެކެވެ.

ތިމަރަފުށިން ދެ ލަނޑުގެ ލީޑެއް ނެގުމާއެކު ގާފަރުން ވަނީ ކުރިއަށް ޖެހި ތިމަރަފުށީގެ ހާފަށް ބާރުބޮޑުކޮށްފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަޒްޔާން އިބްރާހިމް ލަނޑު ޖަހާ ފަރަގު ކުޑަކުރުމެވެ. އަދި އޭގެ މިނެޓެއް ފަހުން ގާފަރު ޓީމުގެ ތަރި އަލީ މާއިޝް (މައްޓު) ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ތިމަރަފުށީގެ ކެޕްޓަން އިބްރާހިމް ސިނާހު (ސިނާ)، އާދަންނާ، އިބްރާހިމް ހަމްދާން އަދި އިބްރާހީމް އަސްވަދު (ގަބޭ) ޖެހި ޕެނަލްޓީ ކާމިޔާބުވިއިރު، ތިމަރަފުށީގެ އިސްމާއިލް ސިޔާދު ޖެހި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ގާފަރު ޓީމުގެ ސާމިން މުހައްމަދު ނަސީރު، މައްޓު ޕެނަލްޓީ ވައްދާލިއިރު، އެ ޓީމުގެ ސަނީމް ސަމާއިލް އާއި އަޒްޔާން ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ތިމަރަފުށި ޓީމުގެ ކޯޗު އަލީ ފަހުމީ ވިދާޅުވީ މިއީ ތިމަރަފުއްޓަށް ހައްގު މޮޅެއް ކަމަށާއި، މިއީ ދަނޑުތެރެއިން އަދި ދަނޑުބޭރުގައިވެސް ޓީމުގެ ކަންކަން ރަނގަޅަށް ދިޔަކަމަށާއި، ދަނޑުމައްޗަށް އަޅާ ކުޅުންތެރިން އެ ދެއްކި ކުޅުމަކީ މިކަންކަން ރަނގަޅުވުމުން ދެއްކުނު ކުޅުމެއް ކަމަށެވެ.

މެޗުން ބަލިވި ގާފަރު ޓީމުގެ މެނޭޖަރު ވިދާޅުވީ ޓީމުގެ ކުޅުންތެރިން މި މެޗުގައި ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި، ހާއްސަކޮށް ތިމަރަފުށި ކަހަލަ ޓީމަކުން ދެ ލަނޑުގެ ލީޑެއްގައި އޮއްވައި ފަހަތުން އަރާ އެއްވަރު ކުރުމުންވެސް ގާފަރު ޓީމުން ކުރި ހިތްވަރު ފެނިގެންދިޔަ ކަމަށެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާ އަށާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގަބޭއެވެ. މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ގަބޭގެ އިތުރުން ތިމަރަފުށީގެ ކެޕްޓަން އިބްރާހީމް ސިނާޙް (ސިނާ) އާއި، ގާފަރުގެ މައްޓު އަދި ފައިއްޓެގެ އިތުރުން ކުޑަހުވަދޫ ޓީމުގެ ޖުމައިލް ޖަލީލް (ޖުމްބެ)އެވެ.

މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ތިމަރަފުށީ ޓީމުގެ އަލީ ޝިފާއު (ރޮނާ)އެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 91 ޓީމުން ބައިވެރިވިއިރު، މިއީ މި މުބާރާތުގައި މިހާ ގިނަ ޓީމުން ބައިވެރިވި ފުރަތަމަ ފަހަރެވެ.

ގާފަރު ބަލިކޮށް ތިމަރަފުށިން ފުޓްސަލްގެ ރަސްކަން ނެގިއިރު، މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ތިންވަން ފަހަރެވެ. ތިމަރަފުށިން ވަނީ މީގެ ކުރިން 2016 އަދި 2019 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. ތިމަރަފުއްޓަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ޓީމެވެ.