ކުޅިވަރު

ވޯލްޑް ކަޕަށް ކޮލިފައިނުވި ފަހުން އިޓަލީން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި


ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވިފަހުން ކުޅުނު ފުރަތަމަ މެޗުން އިޓަލީވިލާތް މޮޅުވެއްޖެއެވެ.

މިމެޗު އިޓަލީވިލާތް ކާމިޔާބުކުރީ ތުރުކީވިލާތައި ބައްދަލުކޮށް ފަހަތުން އަރާ 3-2 ގެ ނަތީޖާއަކުންނެވެ.

އިޓަލީވިލާތުގެ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްގެން ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 4 ވަނަ މިނެޓްގައި ކާމިޔާބުކޮށް ލީޑު ނެގީ ތުރުކީވިލާތުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޗެންގީޒް އުންޑަރއެވެ. މިމެޗްގައި އިޓަލީވިލާތުން އެއްވަރު ކުރިލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ޖަހާދިނީ ބްރަޔަން ކްރިސްޓަންޓޭއެވެ. އަދި މިމެޗްގެ ލީޑު އިޓަލީވިލާތުން ނެގީ އޭގެ ހަތަރު މިނެޓުފަހުން ޖިއާކޯމޯ ރަސްޕަޑޯރީ ޖަހާދިން ލަނޑުންނެވެ. އަދި މެޗްގެ 69 ވަނަ މިނެޓްގައި ރަސްޕަޑޯރީވަނީ އިޓަލީވިލާތުގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގައި ތުރުކީވިލާތުގެ ފަހު ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހާދިނީ ސެރްދާރު ޑުސުންއެވެ.

އިޓަލިވިލާތް ވަނީ ޕްލޭ އޮފްގައި ނޯތު މެސެޑޯނިއާ އަތުން ހައިރާން ކުރުވަނިވި ގޮތަކަށް އެންމެ ފަހު ވަގުތު ބަލިވެ ވޯލްޑް ކަޕަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ކޮލިފައިނުވެ ކަޓާފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އިޓަލީވިލާތުގެ ކޯޗް ރޮބާޓޯ މަންޗީނީ ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. މިގޮތުން ވޯލްޑް ކަޕްގެ ނާކާމިޔާބީއަށްފަހު ކުޅުނު ފުރަތަމަ މެޗްގެ އެހާކުރީކޮޅު ބައިކޮޅަށް ލަނޑެއް ވަނުމާއެކުވެސް އެކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ރަނގަޅު ކުޅުމެކެވެ. އަދި މަންޗީނީވަނީ އިޓަލީވިލާތުގެ ތާރީހްގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ ވޯލްޑް ކަޕަށް ކޮލިފައިނުވެ ކެޓި ނަމަވެސް މަގާމުން އިސްތިއުފާ ނުދޭނެކަން ހާމަކޮށްފައެވެ.